ހަމާސްއާއި އިސްރާއީލު މައިތިރި ކުރުމުގެ މަސައްކަތް މިސްރުން ފަށައިފިއެވެ.
އިތުރު ކުރިމަތިލުމަކަށް ނުގޮސް، ހަމަލާތައް ހުއްޓާލަން މިދިޔަ މެއިމަހު ދެފަރާތުން ވެފައިވާ އެއްބަސްވުންމަތީ ގާއިމްވެ ހަމާސްއާއި އިސްރާއީލުވެސް ދެމިތިބުމަށް މިސްރުން މަސައްކަތް މިފެށީ، މިއަދުގެ ފަތިހާ އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާގެ އެތައް ތަނަކަށް ބޮން އެޅުމާ ގުޅިގެންނެވެ.
އިސްރާއީލުން ޣައްޒާއަށް ބޮން މިއެޅީ، އިސްރާއީލުގެ ކައިން މެޑިޓަރޭނިއަން ކަނޑަށް ހަމަލާސްއިން އިއްޔެ ރޮކެޓްތަކެއް ފޮނުވާލުމުން އެކަމުގެ ރައްދުގައި ކަމަށް ވެއެވެ.
ރައްދުގައި އިސްރާއީލުންވަނީ މިއަދުގެ ފަތިހާ، ޣައްޒާއަސް ވއިގެ ހަމަލާތައް ދީފައެވެ. ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސްގެ މަގާމުތަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމީހުން ހަމަލާދިނީ ރކެޓް އުފައްދާ ތަނަކަށާއި، ހަމާސްގެ ޕޯސްޓްތަކަށް ކަމަށެވެ.
މިހަމަލާތަކުގައި މީހަކަށް ކަމެއް ވީކަމުގެ ރިޕޯޓް ލިބިފައި ނުވާކަމަށް މީޑިއާއިން ބުނެއެވެ.
މިސްރުން މިއަދުވަނީ، ހަމަލާތައް ދިނުން ހުއްޓާލުމަށް ހަމާސްއާއި، ޣައްޒާގައި ހަރަކާތްތެރިވާ އެހެން ޖަމާއަތްތަކަށް ގޮވާލާފައެވެ.
ހަމަ އެއާއެކު، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނޭ ނުކުތާތަކަށް އިހްތިރާމް ކުރުމަށް އިސްރާއީލަށްވެސް ގޮވާލާފައި ވެއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައިވަނީ، މަތިންދާ ބޯޓު ބޭނުންކޮށްގެން ބޮމާއި ރޮކެޓުން 11 ދުވަސްވަންދެން ޣައްޒާގެ އެތައްމިތަނަށް ހަމަލާދީ، އިންސާނިއްޔަތާ ޚިލާފް ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.
މިހަމަލާތަކުގައި 248 މީހުން ޝަހީދުވިއިރު، އޭގެތެރޭގައި 67 ކުޑަކުދިންނާއި، 39 އަންހެނުން ހިމެނެއެވެ. މިއުދުވާނުގައި 1،900 އަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ.
މީގެއިތުރުން، މި ހަމަލާތަކުގައި ޣައްޒާގައި ހުރި 5 އުސް އިމާރާތާއި، ސަރުކާރުގެ 74 އޮފީސް އިމާރާތަކާއި، 33 މީޑިއާ އޮފީސް އަދި އާންމުންގެ 1،800 ގެދޮރު ހަލާކުކޮށް ސުންނާފަތި ކޮށްލިއެވެ.
2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އޮންނަނީ އެއްގަމާއި، ކަނޑާއި ވައިގެމަގުން ޣައްޒާ ބަންދުކޮށް ހިސާރުކޮށްފައެވެ.