ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިކަން ހާމަކޮށް ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުލަބުގެ 4 ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ ލިއޮނެލް މެސީ އާއި ހުއާން ބާނާޓްގެ އިތުރުން ސާޖިއޯ ރިކޯ އަދި ބިޓުމަޒަލާ ކަމަށް ޕީއެސްޖީން ބުނެފައިވެއެވެ.
މީގެއިތުރުން ޕީއެސްޖީން ބުނެފައިވަނީ، މި 4 ކުޅުންތެރިންވެސް މިވަގުތު ތިބީ އައިސޮލޭޝަންގައި ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ސިއްހީ މާހިރުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވަމުންދާ ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން މެސީ އާއި ދެން ތިބި ތިން ކުޅުންތެރިންނަށްވެސް އެކުލަބުން ފްރެންޗް ކަޕުގައި ވާންސް އާއި ދެކޮޅަށް މިމަހުގެ 4 ވަނަ ދުވަހު ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު ފްރެންޗް ލީގުގައި ލިޔޯން އާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް މެސީ ނުފެންނާނެއެވެ.
މެސީ ހިމެނޭހެން 4 ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެޓީމުގެ ފޯވާޑް ލައިނުން މިހާރުވެސް ނޭމާ ފެނިގެން ނުދެއެވެ. އެއީ އަނިޔާގެ ސަބަބުން އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ޖެހިފައިވާތީއެވެ.
21 އަހަރަށްފަހު ސްޕެއިންގެ ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވީ ފާއިތުވީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާ ޕީއެސްޖީ އަށް ބަދަލުވީ ބާސާ އާއިއެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުން އައުކުރުމަށް ބާސާއިން ކުރަމުންދިޔަ މަސައްކަތަށް، ލަލީގާގެ ފައިނެންޝަލް ފެއަރ ޕްލޭ އުސޫލުގެ ސަބަބުން ކުރިއެރުމެއް ނުލިބުމުންނެވެ.
ހިލޭ ޓްރާންސްފަރ އެއްގެ ދަށުން މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު މިހާތަނަށް މެސީ ވަނީ ފްރެންޗް ލީގުގައި ޕީއެސްޖީ އަށް 11 މެޗު ކުޅެދީ 1 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް މެސީ ވަނީ 5 މެޗު ކުޅެދީ ޕީއެސްޖީ އަށް 5 ލަނޑު ކާމިޔާބު ކޮށްދީފައެވެ.