ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން، ލިޔުކިޔުންތައް ދިރާސާ ކުރެވިފައިނުވުމުން ފަސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މިމައްސަލައިގެ އަޑުއެހުންތައް ފެށީ މިއަދުއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހައްގުތައް ކަށަވަރުކުރުމުގެ ބައި ކުރިއަށް ގެންދަން ނިންމާފައިވީ ނަމަވެސް، ރައީސް ޔާމީންގެ ފަރާތްޕުޅުން ބައެއް ލިޔެކިޔުންތައް ދިރާސާ ނުކުރެވިވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތްވަނީ ނުވެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވަންޖެހޭ ބައެއް ލިޔެކިޔުން ލިބުނީ ޝަރީޢަތް ފެށެން ކުޑަތަންވެފައިވަނިކޮށް ކަމަށް ވާތީ، ލިޔެކިޔުން ދިރާސާކޮށް ހުރިހާ ލިޔެކިޔުމެއް ހަމަވެފައިވާކަން ކަށަވަރުކުރަން އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ޝަކީލް ވަނީ ހައްގުތައް ކަށަވަރުކުރުމަށާއި އަދި ދައުވާ ސާފުކޮށްދިނުމަށް މިމަހުގެ 13 އަދި 27 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލް ކުރައްވާފައެވެ.

މިމައްސަލައިގައި އެމަނިކުފާނަށް ރިޝްވަތު ދެއްވިކަމަށް ތުހުމަތުކުރާ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ގާޟީ ވަނީ ދެއްވާފައެވެ.

13 ވަނަ ދުވަހަށް ތާވަލްކުރި އަޑުއެހުމުގައި ކުރިއަށްދާނީ ހައްގުތައް ކަށަވަރުކުރުމާއެކު ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކަމަށް ގާޟީ ޝަކީލް އިއުލާން ކުރެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތު ނުވާކަމަށް ނިންމައި ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކޮށްފައިވާއިރު، އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިތުރު ދައުވާ އުފުލާފައި މިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުަށް ހުރަސްއެޅުމުގެ ގޮތުންނެވެ.