ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް މީހުން ނުފޮނުވަން މެލޭޝިޔާ ސަރުކާރުން ނިންމައިފިއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ، އުމްރާއަށް މީހުން ނުފޮނުވަން ނިންމެވީ، އޮމިކްރޮން ވޭރިއެންޓު ހަލުވިކަމާއެކު ފެތުރެމުންދާތީ އެކަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އުމްރާގެ އަޅުކަމަށް މީހުން ނުފޮނުވަން ސަރުކާރުން ނިންމީ، އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނަމީހުން ކަރަންޓީނު އުސޫލާ ޚިލާފްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ކަމާބެހޭ އިދާރާތަކުން ފާޅުކުރަމުން ދަނިކޮށެވެ.

ކުއާލަ ލަމްޕޫރުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ، އުމްރާގެ އަޅުކަމުން އެނބުރި އަންނަ އެންމެން ހަތްދުވަހު ގޭގައި ކަރަންޓީނުވާންޖެހޭ ކަމަށެވެ.

ނަމަވެސް ގިނަމީހުން ކަރަންޓީނު އުސޫލާ ޚިލާފްވުމުގެ ސަބަބުން އާއިލާގެ އެހެން މެމްބަރުންގެ ތެރޭގައި ކޮވިޑްފެތުރެމުންދާ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

"ގޭގައި ކަރަންޓީނުވުމުގެ އުސޫލަށް އަމަލު ނުކުރުމުގެ ސަބަބުން، އެއް ގެއެއްގައި އުޅޭ އާއިލާގެ މެމްބަރުންނާއި، އަވަށްޓެރި އަދި ޒިޔާރަތްކުރާ ތިމާގެ މީހުންނަށްވެސް ކޮވިޑްޖެހެމުންދޭ"
ޚައިރީ ޖަމާލުއްދީން

މިކަމާހެދި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ދަތުރުކުރުމަށް ފްލައިޓް ބުކިންސް ހެދުން ހުއްޓާލެވޭ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ޖެނުއަރީ އެކަކާއި ހަތަކާ ދެމެދު މައްކާއަށް ދަތުރުކުރަން ހަމަޖެހިފައިވާ މީހުންނަށް ދަތުރުކުރުމުގެ ހުއްދަ ދެވޭނެ ކަމަށާއި، ނަމަވެސް، ޖެނުއަރީ 3 ގެ ފަހުން އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނަ އެންމެން ކަރަންޓީނުވާން ޖެހޭނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ކަނޑައަޅާ ތަނެއްގައި ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ނިމުނު ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް މެލޭޝިޔާއިން އޮމިކްރޮންގެ 64 ކޭސް ފެނިފައިވާއިރު، އޭގެތެރެއިން 32 ކޭސްއަކީ އުމްރާގެ އަޅުކަމުން އެނބުރި އައި މީހުންނެވެ. އުމްރާއިން އެނބުރި އައި މީހުންގެ 9 ކްލަސްޓަރއެއް އުޅޭ ކަމަށްވެސް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ވެއެވެ.

އުމްރާގެ އަޅުކަމަށްފަހު ދުވާލެއްގެ މައްޗަށް 800 އާއި ހާހަކާ ދެމެދުގެ އަދަދެއްގެ މީހުން އެނބުރި ގައުމަށް އަންނަމުންދާކަން ހެލްތު މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިކަމުގެ ސަބަބުން، ކޮވިޑް ކޭސްތަކާއި، އޮމިކްރޮން ވޭރިއެންޓް މެލޭޝިޔާގައި ފެތުރުމުގެ ރިސްކް ބޮޑުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.