ނ. މަގޫދޫގައި ޖާގަ ބޮޑު އާ ބަނދަރެއް ތައްގީކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ކޮށްފައިވާ އިއުލާންގައިވަނީ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަަމަށެވެ.
ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުގެ މަތިންނެވެ.
މިމަޝްރޫއަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 190،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.
ބިޑް ހުށަހަޅަންޖެހެނީ ކުރިއަށް އޮތް ޖެނުއަރީ 19 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ފިނޭންސް މިނިސްޓްރީ އަށެވެ.
މަގޫދޫގައި މިހާރުވެސް 300 ފޫޓް ދިގު އަދި 150 ފޫޓް ބަނދަރެއް އޮވެއެވެ.
ނަމަވެސް ބަނދަރު ތިލަވުމާއި ޖާގައިގެ ދަތިކަން ހުރުމުން އާ ބަނދަރެއް ހަދަން ނިންމީއެވެ.