ރިސޯޓްތަކަށް ގެސްޓުންގެ ގޮތުގައި ދާ ދިވެހިންނާއި ބިދޭސީންނާ ދެމެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނާ ވާހަކަ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ދޮގުކުރައްވައިފިއެވެ.

ރިސޯޓްތަކުން ޚިދުމަތް ދިނުމުގައި ދިވެހިންނާއި ބިދޭސީންނާ މެދު ފަރަގު ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބައެއް މީހުން މި ފަހުން ސޯޝަލްމީޑިއާގައި ބުނެފައި ވެއެވެ. ނަމަވެސް، އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވެއެވެ.

މިނިސްޓަރ އެވާހަކަތަށް ދޮގުކުރެއްވީ އެފަދަ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް އެއްވެސް ވަރަކަށް ފާހަގަކުރެވިފައިވޭތޯ ނުވަތަ އެފަދަ ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިވޭތޯ ސުވާލުކުރުމުން "ވީނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އަޅުގަނޑަކީ ވެސް މީ ރިސޯޓެއްގެ މެނޭޖަރުކަން ހަތަރު އަހަރު ކުރި މީހެއް، ރިސޯޓަށް އަންނަ ކޮންމެ ފަތުރުރުވެރިއަކީ ހަމަ ވަރަށް މުހިންމު ގެސްޓެއް، ވަރަށް މުހިންމު މެހެމާނެއް، އަޅުގަނޑު މަސައްކަތް ކުރީ ސަން އައިލެންޑްގައި، އަޅުގަނޑުމެންގެ ޓިމުން ފުރިހަމައަށް މެހެމާންދާރީ އަދާކުރާނެ، މިހާރު ވެސް ހަމަ ފުރިހައަމަށް މެހެމާންދާރީ އަދާކުރޭ
މިނިސްޓަރ އަބަދުﷲ މައުސޫމް

މިނިސްޓަރ އިތުރަށް ވިދާޅުވީ، ދިވެހިންނަށް އެކަށީގެންވާ އަގެއްގައި ހާއްސަ ޕެކޭޖުތައް ހުރުން މުހިންމު ކަމުގައި އެމަނިކުފާނު ދެކިލައްވާ ކަމަށެވެ. ނަމަވެސް ރިސޯޓުތައް ފުރިފައި އޮންނަ އިރެއްގައި ވަކި ބަޔަކަށް ހާއްސަކޮށްގެން އެއްވެސް ރިސޯޓަކުން ޕެކޭޖެއް ތައާރަފުނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ތަކުރާރުކޮށް ވިދާޅުވީ، ޕްރޮފެޝަނަލް އެއްވެސް ރިސޯޓަކުން ގެސްޓުން ނިސްބަތްވާ ގައުމާއި ގެސްޓުންގެ ހަމުގެ ކުލައަށް ބަލައިގެން ތަފާތުކުރުން ނުގެންގުޅޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރިސޯޓަކީ ވެސް އެފަދަ ރިސޯޓެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.