އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާގެ ޓީމަކުން 3،000 ލީޓަރުގެ ބަނގުރާ، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކޯރަކަށް އަޅާލައިފިއެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް، އަފްޣާނިސްތާނުގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް އިންޓެލިޖެންސްއިން ވަނީ ޓްވިޓަރގައި އާންމު ކޮށްފައެވެ.

ވީޑިއޯއިން ފެންނަނީ ޖާސޫސީ އޭޖެންޓުންތަކެއް، ރަބަރު ފީފާތަކުގައި ހުރި ބަނގުރާތައް ކޯރަށް އޮއްސާލަމުންދާ މަންޒަރެވެ.

މިއީ، ވެރިރަށް ކާބުލްގައި ޖާސޫސީ އިދާރާއިން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައިވާ ބަނގުރާ ކަމަށް ވެއެވެ.

ނަމަވެސް، މިއީ ކޮން އިރަކު އަތުލައިގަތް ބަނގުރާ ކަމެއް އަދި ނައްތާލީ ކޮން އިރަކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޖާސޫސީ އިދާރާއިން ބުނެފައިވަނީ، ބަނގުރާ އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގައި ތިން ޑީލަރުން އަތުލައިގަނެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 15 ވަނަ ދުވަހު އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާން ޖަމާއަތް އައިފަހުން، މަސްތުވާތަކެއްޗާއި، ބަނގުރާ އަތުލައިގަތުމަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

މިގޮތުން، އަތުލައިގެންފައިވާ ބަނގުރާތައް ނައްތާލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯގައި ވާހަކަ ދެއްކި ޖާސޫސީ އޮފިޝަލަކު ވިދާޅުވެފައިވަނީ، މުސްލިމުން ބަނގުރާ އުފެއްދުމާއި ވިއްކުމާ ސީރިއަސްކޮށް ދުރުވާންޖެހޭ ކަމަށެވެ.

އަފްޣާނިސްތާނުގައި ކުރިން އޮތް ސަރުކާރުގެ ދުވަސްވަރުވެސް އަދި މިހާރުވެސް އެގައުމުގައި ބަނގުރާ ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ. މިފަދަ މައްސަލަތަކުގައި ތާލިބާނުން ގެންގުޅޭ އުސޫލު ކުރީ ސަރުކާރަށްވުރެ ހަރުކަށްޓެވެ.

38 މިލިއަނަށްވުރެ ގިނަމީހުން ހިމެނޭ އަފްޣާނިސްތާނުގެ އާބާދީގެ 99.7 އިންސައްތައަކީ ސުންނީ މުސްލިމުންނެވެ.