ޑިޕާޗާ ޓެކްސް ނަގަން ފަށައިފިއެވެ.

ޑިޕާޗާ ޓެކްސް ނަގަން މިފެށީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ބޮޑުކުރުމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 11ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ތަސްދީގު ކޮށްފައިވާއިރު، މި ޓެކްސް ނަގަން ފެށީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.

ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ބޭރަށް ދަތުރު ކުރާ ހުރިހާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސް ނެގުމަށް ގާނޫނުގައި ހިމަނާފައިވެއެވެ.

މީގެކުރިން ވީއައިއޭ އިން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގައެވެ.

ނަމަވެސް މިހާރު ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރަށް ބޮޑުކޮށް ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނަގަން ނިންމާފައެވެ.

އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރު ނެގުމަށް ވެސް ވަނީ ނިންމާފައެވެ.

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގާނެއެވެ.