ބީއެމްއެލުން ނ.މާޅެންދޫގައި މަސްކަނޑާތަނެއް ހަދައިފިއެވެ.

މި ތަނަކީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހެދި ތަނެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މިތަން ހަދާފައިވަނީ ދުވާލާއި ރޭގަނޑުވެސް މަސްކަނޑަން ބޭނުންކުރެވޭ ގޮތަށެވެ.

މި މަސްކަނޑާތަން ތަރައްގީކޮށްފައިވަނީ ސޮސައިޓީ ފޯރ ލީޑާރސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ( އެސް.އެލް.އައި.ޑީ) ފަރާތުންނެވެ.

މިތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭއިރު ސާފު ރީތިފެން ލިބުމާއި މަސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ސޮސައިޓީ ފޯރ ލީޑާރސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ އޮފިޝަލް ވިދާޅުވީ މިއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން އެ ރަށަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.

މިހާތަނަށް މަސްކަނޑަމުން އައީ ޖެޓީ މަތީގައި. އަދި ވާރޭވެހުނަސް އަދި އަވިދިނަސް ހަމަ ޖެޓީ މަތީ ތިބެގެން މަސްކަނޑަން ޖެހެނީ. މި ގާއިމްކުރެވުނު މަސްކަނޑާތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. މި ފުރުސަތުގައި މިފަދަ މުހިންމު ޕްރޮޖެކްޓަކަށް ބީއެމްއެލް އިން ދެއްވި މާލީ އެހީތެރިކަން ފާހަގަކޮށް އެ ބޭންކަށް ޝުކުރު ދަންނަވަން."
އެސްއެލްއައިޑީގެ އޮފިޝަލް

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިތަން ބޭނުންކުރަމުން އަންނައިރު މިތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއްވެސް ބާއްވާފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.