ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އިންޑިއާގެ ފަރާތުން ވެދެމުންދާ އެހީތެރިކަމުގެ ސަބަބުން، ހިފުނުހާ ބާރަކަށް އިންޑިއާގެ އަތުގަ ހިފައިގެން މަސައްކަތް ކުރައްވާނެކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "ވީސްޕޯޓްސް ޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަމުންދާ ހަރަކާތްތަކީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގޭ ތަރައްގީގެ މަޝްރޫޢުތައް ގިނަވުމުން، ރައްޔިތުންގެ ތާއީދު މި ސަރުކާރަށް އިތުރުވެގެންދާނެތީ ހިންގާ ހަރަކާތްތަކެއް ކަމަށެވެ.
އަދި މިނިސްޓަރ ހުންނެވީ ހަމަ ރަނގަޅަށް އިންޑިއާގެ އަތުގައި ހިފައިގެން ކަމަށާއި، ހަމައެކަނި ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށާއި، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އިންޑިއާ ސަރުކާރުން ގާތްގަނޑަކަށް 100 މިލިއަނެއްހާ ޑޮލަރު ހޭދަކޮށްފައިވާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.
އެގޮތުން ލޯނު އެހީގެ ގޮތުގައި އާއި ކްރިކެޓް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ވެދޭ އެހީގެ އިތުރުން އައުޓްޑޯ ޖިމްތަކާއި، ކުޑަކުދިންގެ ޕާކުތައް އަދި އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ވާހަކަ މިނިސްޓަރ މަހްލޫފް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، އިންޑިއާ އާއި ގުޅުވައިގެން އެދައްކާ ވާހަކަތަކަކީ، މި ސަރުކާރާ ދިމާލަށް ފާޑުކިޔުމުގެ ގޮތުން ކިޔާނެ އެއްވެސް އެއްޗެއް ނެތުމުން ކިޔާ އެއްޗެހި ތަކެއް ކަމަށެވެ.
މިނިސްޓަރ މަހްލޫފް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ދަތިތައް ކުރިމަތި ކުރުވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިހާރު ވަމުންދާ ގޮތާއި "ނަމްބާސް" ހުރި ގޮތް އިންޑިއާ އަށް ވަރަށް ސާފުވާނެކަމަށެވެ. އަދި އިދިކޮޅުގެ މުޒާހަރާ ތަކުގައި މީހުން ބައިވެރިވާ މިންވަރު މަދުކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ ކަންތައްތަކެއްގެ ސަބަބުން އިންޑިއާ އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތަށްވެސް އަދި އެހެން ދާއިރާތަކުންވާ އެހީތެރިކަމަށްވެސް އެއްވެސް ތަފާތެއް ނުވަތަ ހީނަރުކަމެއް އަންނާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މި ސަރުކާރުން ރާއްޖޭގެ ކުޅިވަރަށް ގެނެސްދީފައިވާ ތަރައްގީގައި އިންޑިއާ އިން ވެދީފައިވާ އަދި ވެދެމުންދާ އެހީތެރިކަމަކީ ފާހަގަކޮށްލެވޭ މުހިންމު އެހީތެރިކަމެކެވެ. އެގޮތުން އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި އަދި ފާހަގަކޮށްލެވޭ ކަމަކީ، ނިމުނު 2021 ވަނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ހުޅުވި ސިންތެޓިކް ދުވާ ޓްރެކް އެވެ. 1996 ވަނަ އަހަރުން ފެށިގެން މުޅި މާލޭގެ ރައްޔިތުން ކަސްރަތުކުރުމަށްޓަކައި އަދި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ތަފާތު އެތައް ހަރަކާތްތަކެއް ހިންގަމުން އައި އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް ހުޅިވީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައެވެ.
އަދި މިއަހަރަށްވެސް އިންޑިއާގެ އެހީތެރިކަމާއެކު ބޮޑު ބިޔަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ކުޅިވަރު ވުޒާރާއިން ރާވާފައިވެއެވެ. އެގޮތުން ގަލޮޅު ދަނޑު ތަރައްގީ ކުރުމާއި، އަތޮޅުތެރޭގެ 4 ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
ބާރަށް ހިފާފަ ބަހައްޓާ . ކަނޑައިގެން ވެއްޓެދުވަހު ހިފާނެ މަކުނުވާފަށެއްނަމަވެސް އަތުގައި ޖެހޭތޯބަލާތި.