ޕްރެޒިޑެންޓްސް ކަޕުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް ކުރިހޯދާ، ކްލަބް އީގަލްސް އިން މިފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިހާތަނަށް އީގަލްސް އިން މި މުބާރާތުގައި 4 މެޗު ކުޅެފައިވާއިރު ތިން މެޗުން ވަނީ ބަލިވެފައެވެ. އެގޮތުން އީގަލްސް އިން އެންމެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން އީގަލްސް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި މާޒިޔާ އަތުން އީގަލްސް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން އީގަލްސް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އީގަލްސް އިން މި މުބާރާތުގައި ކުޅުނު ހަތަރު ވަނަ މެޗުން ޔޫވީ އަތުން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުން ފެށިގެންވެސް އީގަލްސް އިން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ ޔޫވީގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި އީގަލްސްގެ އަލީ އަޒުވާން އަބްދުލް އަޒީޒް ނަގައިދިން ހުރަހަކުން ހަސަން ރާއިފް (ހަންނަ) ފޮނުވާލި ރަނގަޅު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން އަޒުވާން ފޮނުވާލި ބޯޅައެއްވެސް ވަނީ ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވެފައެވެ.

މެޗުގައި އީގަލްސް އިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ 18 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން އަހްމަދު ހަސަން (އައްމަޑޭ) އަށް ލިބުނު ބޯޅައަކުން، ޔޫވީގެ އަދި ގައުމީ ޓީމުގެވެސް ޒުވާން ކީޕަރު، އަލީ ނާޖިހު (ނާޖީ) ކައިރިން ނައްޓާލުމަށްފަހު އައްމަޑޭ ކާމިޔާބުކުރި ލަނޑެކެވެ.

ޔޫވީ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފު ފަށައިގެން 4 ތިންވަނަ މިނެޓުގައެވެ. ފުރަތަމަ ހާފުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުނު ނަމަވެސް ޔޫވީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ބައްސާމް މުހައްމަދު ނާއީމް (ބައްކު) އެވެ. ފުރަތަމަ ހާފުގައިވެސް ހުސް ގިނަ ފުރުސަތުތަކެއް ބައްކު އަށް ލިބި ނާކާމިޔާބު ވެފައިވާއިރު މި ލަނޑަށްފަހު އޭގެ ދެމިޓުފަހުން ބައްކު އަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އޭނާއަށް ހިފިފައެއް ނުވެއެވެ.

ދެވަނަ ފަހަރަސް އީގަލްސް އިން ލީޑުނެގީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މިއީ އިތުބާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޒުވާން އެވެ. މިއީ ހަންނަ ތަނަވަސްކޮށްދިން ފުރުސަތަކުން އަޒުވާން ކާމިޔާބުކުރި ލަނޑެކެވެ.

އަނެއްކާވެސް ޔޫވީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވާން 10 މިނެޓަށްވެފައި ވަނިކޮށެވެ. ޔޫވީގެ އަރީން އަށް އޭރިއާ ތެރެއިން އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަކާއެވެ.

އީގަލްސް މޮޅުވި ގޯލު ޖެހީ މެޗުގެ 89 ވަނަ މިނިޓްގައި ހަންނަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ އޭރިއާތެެރެއިން ހަންނަ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ. ހަންނަ މި ގޯލު ޖަހަން ފުރުސަތު ހޯދީ ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރަކަށް ފައުލުކޮށްފައި ކަމަށް ބުނެ، އެ ޓީމުގެ ކުޅުންތެރިން ވަނީ އެޕީލްކޮށްފަ އެވެ. އެކަމަކު، ރެފްރީ ސިނާން ހުސެއިން ނިންމީ ގޯލު ބަލައިގަންނާށެވެ.

މި މެޗަށް ނުކުތްއިރު މިދެޓީމަކީ މި މުބާރާތުގައި މޮޅެއް ނުހޯދި އޮތް ތިން ޓީމުގެ ތެރެއިން ދެޓީމެވެ. މިއަދުގެ މެޗުން މޮޅުވެ، އީގަލްސް އިން މި ވަނީ ސީޒަނުގެ ފުރަތަމަ މޮޅު ހޯދާ ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތަރު މެޗުން ޕޮއިންޓެއް ހޯދައިގެން ލީގުގެ ފުލުގަ އެވެ. ހަތް ވަނައިގައި އޮތީ ތިން މެޗުން ޕޮއިންޓަކާ އެކު އޮތް ދަ ގްރާންޑޭ އެވެ. ދަ ގްރާންޑޭ މިރޭ ކުޅޭ މެޗުގައި ކުޅޭނީ މާޒިޔާއާ ދެކޮޅަށެވެ.