ފޮޓޯއިން މިފެންނަ ދެ ޒުވާނުންވެސް މަދްރަސީ ތައުލީމް ފުރިހަމަ ކޮށްފައިވަނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިންނެވެ.

ކަނާތްފަރާތު ފޮޓޯގައި އެހުރީ ރައްޔާން އާދަމްއެވެ. ވާތްފަރާތު ފޮޓޯގައި އެހުރީ މިންހާޖް އީސާއެވެ.

ޘާނަވީ މަރްހަލާއަށްފަހު މަތީ ޘާނަވީ މަރްހަލާގައިވެސް ދެމީހުން ކިޔެވީ އެކުގައި، އެއް ކްލާހެއްގައެވެ. ރައްޔާން އާދަމް ގްރޭޑް 11 ނިންމުމަށްފަހު ސްކޫލުން ވަކިވިއިރު، މިންހާޖް އީސާ ގްރޭޑް 12 ނިންމައި ގްރެޖުއޭޓް ވެފައިވަނީ 2019 ވަނަ އަހަރުއެވެ.

ޢަރަބިއްޔަގައި ކިޔަވަން އުޅުނު ދުވަސްވަރު ރައްޔާން އާއި މިންހާޖްއަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ސްކޫލް ދައުރު ނިންމުމަށްފަހުވެސް އެ އެކުވެރިކަމާއި ގާތްކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.

މިދެ އެކުވެރިންގެ ގާތް އެހެން ރަހްމަތްތެރިންގެ ބަހުންނަމަ އެއީ "އަނެއްހެން ބުނަންޏާ ބެސްޓް ބަޑީޒް" އެވެ. އެހާވެސް ދެމީހުން އުޅުނީ އެކުވެރި ކަމުގައެވެ.

ރައްޔާން އާދަމް ކުއްލިގޮތަކަށް ނިޔާވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މާލޭގައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 19 އަހަރެވެ.

ރައްޔާންގެ ކުއްލި މަރާ ގުޅިގެން އާއިލާގެ އިތުރުން، އޭނާގެ ގާތް އެކުވެރިންނާއި ރަހްމަތްތެރިންނަށްވެސް ލިބިގެންދިޔައީ ކުއްލި ސިހުމާއި ހައިރާންކަމެވެ.

ރައްޔާން ނިޔާވި ދުވަހުގެ ޖެހިގެން އައިދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މިންހާޖް އީސާ، ރައްޔާންއާއެކު ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓްކޮށް ލިޔެފައިވަނީ "އޯލްވޭޒް އިން މައި ހާރޓް" މިހެންނެވެ.

މިންހާޖް އީސާއަކީ ކިޔެވުމަށްވެސް މޮޅު ކުއްޖެއްކަމުން، މަތީ ޘާނަވީ މަރްހަލާ ނިމި އޭނާ މިސްރަށް ކިޔަވަންދިޔައީ އަލް އަޒްހަރު ޔުނިވަރސިޓީގެ ސްކޯލަރޝިޕެއް ލިބިގެންނެވެ. އޭނާ މިސްރުގައި މަތީ ތައުލީމު ހާސިލްކުރަމުން ގެންދިޔައީ ސިވިލް އިންޖިއަރިންގެ ދާއިރާއިންނެވެ.

މިންހާޖް އީސާ ކުއްލިގޮތަކަށް ރޭގައި ނިޔާވީ ބަލިވެ އުޅެފައެއް ނޫނެވެ. މިސްރުގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި ރާއްޖޭގެ އެހެން ދެކުއްޖަކުވެސް ތިބެއެވެ. ރޭގައި ފުޓްބޯޅަ ކުޅެންގޮސްފައި ގެއަށްއައިސް އޭނާ ބުއީ މިލްކްޝޭކެކެވެ. އެއަށްފަހު ފާޚާނާއަށް ވަނީ ފެންވަރާށެވެ.

މިންހާޖް އީސާ ފެންވަރަން ވަދެ ފެންމާގަނޑު ދޫކުރިގޮތަށް ފެންފައިބާ އަޑު މެދުނުކެނޑުމާއި، ފަޚާނާގައި ގިނައިރުވެގެން ދޮރުގައި ތެޅުމުންވެސް ހަބަރެއް ނުވެގެން ފާޚާނާގެ ދޮރު ހަލާކުކޮށްލައިގެން ބެލިއިރު އޭނާ އޮތީ ފާޚާނާތެރެއަށް ވެއްޓިފައެވެ.

މިންހާޖް އީސާ ނިޔާވިއިރު އުމުރަކީވެސް 19 އަހަރެވެ.

ނުހަނު ޒުވާން އުމުރުގައި ދެއެކުވެރިންވެސް މިދުނިޔެއާ ވަކިވެގެންދިޔައީއެވެ. ދުނިޔެއަކީ މިކަހަލަ ތަނެކެވެ.