ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި މޫދުކުޅިވަރަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކޭމްޕް ނިންމާލައިފިއެވެ.

"މައި ހުޅުމާލެ ވޯޓަރ ސްޕޯޓްސް ކޭމްޕް 2021" ގެ ނަމުގައި ކުރިއަށް ގެންދިޔައ މި ކޭމްޕަކީ ކުޅިވަރުތަކަސް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެ ފުރުސަތުތައް ހޯދައިދިނުމަށް އެޗްޑީސީން ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށެވެ.

އަދި މިއީ ސްކޫލް ކުދިންގެ މިޑް ޓާމް ބްރޭކާއި ދިމާކޮށް، މި ދުވަސްތަކުގައިވެސް އެކުދިންނަށް ފައިދާހުރި މިފަދަ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު އެކުދިންނަށް ހޯދައިދިނުމުގެ މަގުސަތުގައި ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން މި ކޭމްޕުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން، މޫދު ކުޅިވަރެއް ކަމުގައިވާ "ސްޓޭންޑް އަޕް ޕެޑަލް ބޯޑް" ދަސްކޮށްދިނުންކަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މައި ހުޅުމާލެ ވޯޓަރ ސްޕޯޓްސް ކޭމްޕް 2021 ކުރިއަށް ގެންގޮސްފައިވަނީ 26 ޑިސެމްބަރު 2021 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކޭމްޕް ނިންމާލުމުގެ ގޮތުން ކޭމްޕުގައި ބައިވެރިވި ކުދިންގެ މެދުގައި 1 ދުވަހުގެ މުބާރާތެއްވެސް ބާއްވާފައިވެއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ގިނަ ޕާޓްނަރުންތަކަކާއި އެކުއެވެ.