ޕްރެޒިޑެންޓްސް ކަޕުގައި ހޯމަ ދުވަހުގެރޭ ދަ ގްރާންޑޭގެ މައްޗަށް ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރަގު ބޮޑު މޮޅެއް ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުން މާޒިޔާ މޮޅުވީ 1-6ގެ ނަތީޖާއަކުންނެވެ.

މެޗުފަށައިގެންވެސް މޮޅަށްކުޅުނު މާޒިޔާއިން ވަނީ މިމެޗުގެ ކުރީކޮޅުން ފެށިގެންވެސް ގްރާންޑޭގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކޮށްފައެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި އެޓީމުން ލަނޑެއްޖަހާ ލީޑުނެގުމެވެ. ލީޑު ނަގައިފައެވެ. މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓްއެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއްޖަހާ ލީޑުފުޅާކުރުމަށް މާޒިޔާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުކަމުގައިވީނަމަވެސް މިހާފުގައި އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ލީޑު ފުޅާކުރުމަށް ދެވަނަ ހާފުގައި އެޓޭކްތައް އިތުރަށް ވަރުގަދަކޮށްގެން މާޒިޔާއިން ނުކުތްއިރު މިހާފުގެ 19 ވަނަ މިނެޓުގައި މާޒިޔާއިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ހުސެއިން ނިހާން (ނިހާޓް)ގެ އެހީތެރިކަމާއެކު ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ. މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ދަ ގްރާންޑޭގެ ޑިފެންޑަރު މާކޯ އިވަނޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެކަމަކު މެޗުގެ 72 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، މުޙައްމަދު ލަޔާން އަޙްމަދެވެ.

މެޗުގެ 81 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ. އަދި މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ހަވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޕުއެވެ.

މި ނަތީޖާއާއެކު ލީގު ބުރުގެ އެއްވަނައިގައި މާޒިޔާއިން އޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ވެލެންސިއާ އޮތީ އެއް މެޗު މަދުންކުޅެ ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ. އަދި މި މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ ލީގު ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.

މި މުބާރާތާތުގައި މިއަދުވެސް ދެމެޗެއް ކުޅެން ހަމަޖެހިފައިވާއިރު މިއަދު ހަވީރު ނުކުންނާނީ ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އަދި މިރޭ 21:00 ގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނެއެވެ..