މިއަހަރުގެ މާޗު މަހުގެ ތެރޭގައި ސްރީ ލަންކާގައި އަނެއްކާވެސް ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، މި މުބާރާތުގައި ކުޅުމަށް ރާއްޖެއަށްވެސް ފުރުސަތު ދިނުމަށް އެ ފެޑެރޭޝަނުން ވިސްނަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ރާއްޖޭގެ މިިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ލަންކާގައި ފުޓުބޯޅަ ކުރިއެރުވުމަށް އެގައުމުގެ އެފްއޭ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާ އާއި ގުޅިގެންވެސް ހަރަކާތްތަކެއް ލަންކާ އެފްއޭ އިން ކުރަމުން އަންނައިރު، ގައުމީ ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ބައިނަލްއަގްވާމީ މުބާރާތްތަކެއް ހޯސްޓު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ލަންކާ އެފްއޭއިން ކުރަމުން ދެއެވެ.

އެގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގެ ނަމުގައިވެސް ލަންކާއިން މުބާރާތެއް ބާއްވާފައިވާއިރު މި މުބާރާތުގައި ލަންކާގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް އަދި ރާއްޖެއަށް ލަންކާ އެފްއޭ އިން ދައުވަތުދީފައިވެއެވެ.

ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާއިރު އެ މުބާރާތުން ރާއްޖެ ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުހޯދިއެވެ.

ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ލަންކާއިން އެގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އަދި ކެނޑިފައިވާ ފުޓުބޯޅަ ފޯރި އަލުން ގެނައުމަށް އަންނަ މާޗް މަހުގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތަކަށް ރާއްޖެއަށް ދައުވަތު ދިނުމަށް ވިސްނަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

"ސުޕާ ކަޕް"ގެ ނަމުގައި ބާއްވާ މި މުބާރާތަށް ރާއްޖެއަށް ދައުވަތުދިނުމުގެ ވިސްނުން ލަންކާ އެފްއޭ އިން ގެންގުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަން މިނިސްޓަރ ހާމަކުރެއްވިއިރު މި މުބާރާތުގައި ޔޫރަޕުގެ ބައެއް ގައުމުތައްވެސް ވާދަކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ލަންކާ އެފްއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތުގައި 5 ޓީމު ނުވަތަ 6 ޓީމު ވާދަކުރާނެއެވެ.

ފޯ ނޭޝަންސް ކަޕަކީ ގައުމީ ޓީމުގެ ކޯޗުކަމާއި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޭއްވި މުބާރާތެއްކަމުން އެ މުބާރާތުގައި އޭނާއަށްވެސް ޓީމު އެކުލަވާލާ، ގައުމީ ޓީމު ފުރިހަމައަށް ތައްޔާރުކުރުން އެއީ ގޮންޖެހުމަކަށްވާނެއިރު، މާޗް މަހު އޮންނާނެކަމަށް ބެލެވޭ މި މުބާރާތަށް ރާއްޖެ ޓީމު ދާނީ މޮރިއެރޯ އަށް އެކަށީގެންވާ ވަގުތު ލިބިގެންނެވެ.