އިންޑިއާގެ ލޯނު އެހީގެ ދަށުން ރާއްޖޭގެ ފުޓުބޯޅައިގައި ބޭނުންކުރާ މައި ދަނޑު، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމޭއިރު ބޮޑުތަނުން ޖާގަ އިތުރުވާނެކަމަށާއި އަދި އެއަށްފަހު ޓިކެޓު ގަތުމުގައި ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާނެކަމަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖޭގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕުގައި އެންމެ ބޮޑު މައްސަލައަކަށް ކުރިމަތިވީ ޓިކެޓު ނުލިބިގެން އާންމުން ކުރި ޝަކުވާތަކުގެ މައްސަލައެވެ. އެތައް ގަޑިއިރެއް ވަންދެން ކިއުގައި ޖެހިގެންވެސް ޓިކެޓު ނުލިބުމުގެ މާޔޫސްކަމާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.

ކަންދިމާކުރިގޮތުން މި މައްސަލަ ކުރިމަތިވީ، 4 މަހެއްހާ ދުވަހު ސަސްޕެންޝަނުގައި ހުންނެވުމަށްފަހު މިނިސްޓަރ މަހްލޫފް އެނބުރި މަސައްކަތައް ނުކުންނެވި ދުވަސްވަރާއެވެ. އެހެންކަމުން މިނިސްޓަރ އެނބުރި ވަޒީފާއަށް ނުކުންނަވާ އެމައްސަލައަށް ވަގުތީ ހައްލެއް ހޯދައި ދެއްވުމަށް މަސައްކަތް ފެއްޓެވިއެވެ. އެގޮތުން ގަލޮޅު ދަނޑުގައި އޭރު ވިއްކަމުންދިޔަ ޓިކެޓުތައް ފަހުން މާފަންނުގައި ހުންނަ ސޯޝަލް ސެންޓަރުގައި ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވިއްކާގޮތަށް ހަމަޖެއްސެވިއެވެ.

އެދުވަހު ވީނިއުސް އާއި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ޓިކެޓު ވިއްކުމުގެ ކަންކަން ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެ ބޮޑު އުންމީދެއް ދެއްވާފައެވެ.

މިކަމާ ގުޅޭގޮތުން ވީޓީވީގެ "ވީސްޕޯޓްސް ޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ކައިރި މުސްތަގްބަލެއްގައި ބޮޑު މުބާރާތެއް ފެންނަން ނެތުމުން އަދި މިކަމުގެ އަމަލީ މަސައްކަތް ފެށިފައި ނުވާކަމަށެވެ. އެހެންނަމަވެސް ދެން އެންމެ އަވަހަށް އޮންނަ ބޮޑު މުބާރާތަކަށް ޓިކެޓު ވިއްކާނީ ޑިޖިޓަލްކޮށް ކަމުގެ ޔަގީންކަން މިނިސްޓަރ މަހްލޫފް ދެއްވިއެވެ.

އެހެންނަމަވެސް މެޗުބަލަން ދަނޑަށް ވަންނަންޖެހެނީ ހަމައެކަނި ގައުމީ ޓީމު ކުޅޭ މެޗުތަކަށްތޯ ނުވަތަ ވަކި މެޗުތަކަކަށް އެކަނިތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޓިކެޓު މައްސަލައިގައި ބައެއް ފަރާތްތަކުން ކުރަމުންދާ ޝަކުވާތަކުގައި "ބޭސިސް" އެއް ނެތްކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވަކި ބަޔަކަށް ޓިކެޓު ދިނުމުގައި އިސްކަންދިން ކަމަށްބުނެ ބައެއް ފަރާތްތަކުން ދެއްކި ވާހަކައަށް މިނިސްޓަރ ވަނީ ރައްދުވެސް ދެއްވާފައެވެ.

"ތެދަށް ބުނަންޏާ އަދި ޑިޖިޓަލް ކޮށް ޓިކެޓު ވިއްކުމަށް އަދި މަސައްކަތެއް ނުކުރެވޭ. މުބާރާތެއްވެސް އަދި ފެންނަން ނެތީމައާ އެކީ. އެކަމް ތިކަން ކުރަންޖެހޭ. ކޮށްފަ ބާއްވަންވެސް ޖެހޭކަމެއް ތީ. އެކަމް ބައްލަވާ. ސާފް ޗެމްޕިއަންޝިޕް ނިމުނީމަ ދަނޑު ހުސްކޮށް. ދަނޑަށް ވަދެތިބޭނީ ވަރަށް މަދުބައެއް. ދެންތިބެގެން ބައެއް ބޭފުޅުން ސޯޝަލް މީޑިއާގަ ޖޯކު މިޖަހަނީ ދަނޑު ހުސްކޮށް އޮތީމަ. ދެނަ މުބާރާތެއް އައިމަ، އަޅުގަނޑުމެން ފުރަތަމަ މި ބަލަނީ އެއްކަލަ އިރު ދަނޑަށް ވަދެތިބި މީހުންނަށް ފުރަތަމަ ޓިކެޓު ދެވޭތޯ. އެކަން ކަމަކު ނުދޭ. އަހަރުތެރޭގަ މުބާރާތްތައް ބާއްވާއިރު ދަނޑަށް ވަދެތިބޭ މަދު މީހުންނަަށް ޓިކެޓު ނުދީ ދެން ކޮން ބަޔަކަށްތޯ އަޅުގަނޑުމެން ޓިކެޓު ދޭންވީ. އަޅުގަނޑަށް އެހެންވީމަ އެއްބައި ބޭފުޅުންގެ ވާހަކަ ދިމައެއް ނުވޭ. ކޮންމެގޮތެއް ވިޔަސް ތިކަމަށްދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހައްލެއް ހޯދާ ދޭނަން. ދެން އަންނަ ބޮޑު މުބާރާތަކަށް އޮންލައިންކޮށް ތިކަން ކުރެވޭނެގޮތެއްވެސް އަޅުގަނޑުމެން ރާވާނަން".
މިނިސްޓަރ މަހްލޫފް

"ވީސްޕޯޓްސް ޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، އިންޑިއާ އިން ދޭ އެލްއޯސީގެ މަސައްކަތުގެ ތެރެއިން ގަލޮޅު ދަނޑު މަރާމާތުކުރުމުގެ މަސައްކަތްވެސެް ކުރިއަށްދާ ކަމަށާއި، މި މަސައްކަތުގެ ތެރެއިން ގަލޮޅު ދަނޑުގެ ކެޕޭސިޓީ 15،000 އަށް އިތުރު ކުރާނެކަމަށެވެ. މިއީ ދަނޑަށް ވަންނަ ފަރާތްތަކުން ޖާގަައިގެ ދަތިކަމާހެދި ކުރަމުންދާ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެލްއޯސީގެ ތެރެއިން ގަލޮޅު ދަނޑުގެ މަސައްކަތް ހިމެނޭނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެތަނުގެ ކެޕޭސިޓީ ގާތްގަނޑަކަށް 15،000 އަށް އިތުރުކުރަން. 15،000 އަށް އިތުރުކުރީމަ އަޅުގަނޑަށް ހީވަނީ ދެން އެއްކަލަ، އޮންލައިންކޮށް ނޫނަސް ފަސޭހަކަމާއެކު ޓިކެޓުގެ މައްސަލައަށްވެސް ހައްލެއް އަންނާނެކަމަށް. އެ ޕްރެޝަރ ކެނޑޭ ވަރަށް. ދަނޑަށް ނުވަދެވިގެން އަޅުގަނޑުމެންގެ އިސްތިއުފާއަށް ގޮވަން ނުޖެހި ދާނެވަރަށް ދާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ކެޕޭސިޓީ އެވަރަށް އިތުރުކުރީމަ".
މިނިސްޓަރ މަހްލޫފް

އަދި ދަނޑުގެ މަސައްކަތް ކުރަމުންދާއިރު، އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ދެން މެޗުތައް ކުޅޭނެ ދަނޑެއްގެ މައްސަލަކަމަށެވެ. އަދި މިކަމަށް އޮތް ހައްލަކީ ދަނޑުގެ މަސައްކަތް ކުރަމުންދާ މުއްދަތުގައި ހުޅުމާލޭގެ ދުވާ ޓްރެކުގައި ގާއިމްކޮށްފައިވާ ދަނޑު ތަރައްގީކޮށް އެތަނުގައި މެޗުތައް ކުޅުންކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި އެ ދަނޑުގައި މިވަގުތު ހުރީ ގާތްގަނޑަކަށް 3000 މީހުންގެ ޖާގަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ ކުރިމަތިވާނެ ބޮޑު ޕްރެޝަރަކަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ގަލޮޅު ދަނޑުގެ މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެންގެ ވިސްނުމަކީ ހުޅުމާލެ ދުވާ ޓްރެކް ތަރައްގީކޮށްގެން އެތަނުގަ އެކަން ކުރުން. މިވަގުތު އެތަނުގަ އަޅުގަނޑަށް އެނގިގެން ހުންނަނީ 3000 މީހުންގެ ޖާގަ. އެހެންވީމަ އަނެއްކާވެސް ޕްރެޝާއެއްގަ އުޅެން ޖެހޭޏެ. ހަމަ ގަލޮޅު ދަނޑު މަރާމާތެއް ނޫން. މުޅި ދަނޑު ތަޅާލާފަ އާތަނެއްގެ ވާހަކަ މިބުނީ. އަޅުގަނޑުމެން ހިސާބުޖަހައިގެން މިތިބީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ ސްޓޭޑިއަމް އެކޭ މިއީ".
މިނިސްޓަރ މަހްލޫފް

މިނިސްޓަރ އިތުރަށް ވިދާޅުވީ، ދަނޑުގެ މަރާމާތަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެފެންނަ 55 މިލިއަން ރުފިޔާ އެއީ އަދި އެކަމުގެ ކުޑަކުޑަ މިންވަރެއް ކަމަށެވެ. މިހާރު ބެލިބެލުމުން ގަލޮޅު ދަނޑުގެ ތަރައްގީއަށް ގާތްގަނޑަކަށް 25 ނުވަތަ 26 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި އެކަމަށް ބޭނުންވާ ލާރިވެސް މިހާރު ހަމަޖެހިފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

ފުޓުބޯޅަ އާއި ގުޅުންހުރި މިފަދަ ހައްސާސް މައްސަލަތަކަށް ހައްލެއް ހޯއްދަަވައިދެއްވުމަށް ކުޅިވަރު ވަޒީރު ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އަންނައިރު ޓިކެޓު ވިއްކުމަށް ގެންނަން ވިސްނަވާ މުހިންމު ބަދަލާއި ދަނޑުގެ ތަރައްގީއަށް ކުރާ މަސައްކަތަކީ މިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި، އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯން އެހީގެ ތެރެއިން 2022 ވަނަ އަހަރު ގަލޮޅު ދަނޑުގެ ތަރައްގީކުރުމަށް ހިމަނާފައިވަނީ ސާޅިސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސް ރުފިޔާއެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ވަނީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހިމަނާފައެވެ. އެހެންކަމުން ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ޖުމްލަ 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެއެވެ. ފާއިތުވެގެންދިޔަ ދެ އަހަރުވެސް ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިންވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޮޑު މަރާމާތެއް އެންމެ ފަހުން ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށެވެ. އެފަހަރު 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ދަނޑުގެ ރޮސްޓްރަމް މަތީގައި މީޑިއާ އާއި ވީއައިޕީ އަށް ހާއްސަކޮށް އިމާރާތެއް ހެދިއެވެ. އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ކުދިކުދި މަރާމާތުތަކެއް ދަނޑުގައި ވަނީ ކޮށްފައެވެ.

ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަން ބަޖެޓުގައި ހިމަނާފައިވަނީ ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވަނިކޮށެވެ. ޕްލޭނިން މިނިސްޓްރީން މިކަން އަންގާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. ނަމަވެސް އެންމެ ފަހުން މާލޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވަނީ މި ދެ ސިޑިބަރި ބޭނުންކޮށްފައެވެ. ސިޑިބަރިތައް ބޭނުންކޮށްފައިވަނީ ކުދިކުދި މަރާމާތުތައް ކޮށްގެންނެވެ.