ޕްރެޒިޑެންޓްސް ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުން ފަހަތުން އަރާ ކްލަބް ވެލެންސިއާ އިން ޓީސީގެ މައްޗަށް ކުރިހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ވެލެންސިއާ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މިހާފުގައި ޓީސީއަށް ވަނީ ހާފުގެ ކުރީކޮޅު ބަދަލެއް ކުރަން ޖެހިފައެވެ. އެއީ ލިބުނު އަނިޔާއެއްގެ ސަބަބުން އެ ޓީމުގެ ކުރިއަށް ކުޅެމުން ދިޔަ ޒުވާން ފޯވާޑް މުހައްމަދު މާއިޝް މައުސޫމް (މާސޭ) އަށް ނުކުޅެވުމުގެ ސަބަބުންނެވެ. މާސޭގެ ބަދަލުގައި ދެން ކުޅެންއެރީ ޒަޔާން ނަސީރު (ޒައްޔު) އެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގި ޓީސީން މިލަނޑު ޖެހީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. އަހްނަފް މުހައްމަދު ތަސްނީމް ނަގައިދިން ހުރަހަކުން ތަނަވަސްވި ފުރުސަތެއްގައި ހަސަން އީނާޒް ބޮލުން ދިން ޕާހަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޒައްޔު އެވެ.

މިހާފުގައި ވެލެންސިއާ އަށް މާ ނުރައްކާތެރި އެޓޭކުތަކެއް ކުރެވިފައި ނުވިނަމަވެސް މިހާފު ނިމުމުގެ ކުރިން ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ އެހީތެރިކަމާއެކު ތަނަވަސްވި ފުރުސަތަކުން ހުސެއިން ހަނާން ވަނީ ލަނޑެއްޖަހާ ވެލެންސިއާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގައި ދެވަނަ ލަނޑެއްޖަހާ ވެލެންސިއާއިން ފުރަތަމަ ފަހަރަށް ލީޑުނެގީ ދެވަނަ ހާފުގައި މެޗުގެ 69 ވަނަ މިނެޓުގައެވެ. މިއީ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ވެލެންސިއާ އަށް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާއާ އެކު ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެއް ވަނައިގައި އޮތީ ރޭ ގްރާންޑޭ އަތުން ބޮޑު މޮޅެއް ހޯދި މާޒިޔާ އެވެ. އެއީ ދެ ވަނައިގައި އޮތް ވެލެންސިއާއާ އެއްވަރަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން މާޒިޔާ އަށް ކުރި ލިބޭތީ އެވެ. މާޒިޔާ އާއި ވެލެންސިއާގެ ވެސް ފައިދާގެ ގޮތުގައި ނުވަ ގޯލު އޮތްއިރު، ޖެހި ގޯލުން ކުރި ލިބެނީ މާޒިޔާ އަށެވެ. މާޒިޔާ އިން 12 ގޯލު ޖެހިއިރު، ވެލެންސިއާ އިން ޖެހީ 11 ގޯލެވެ.

މި މުބާރާތުގައި މިރޭ 21:00 ގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނެއެވެ.