ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓުން ކޮވިޑްޖެހޭ މީހުންގެ ކިބައިން ފެންނަނީ ލުއި އަލާމާތްތަކެއް ކަމުގެ އިތުރު ހެކިތަކެއް ލިބިއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ކުރިން ފެނިފައިވާ ވޭރިއެންޓުތަކާ ޚިލާފަށް އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން އަސަރުކުރަނީ "އަޕަރ ރެސްޕިރޭޓަރީ ޓްރެކްޓް" ނުވަތަ ނޭވާލާ ނިޒާމުގެ މައި ހޮޅީގެ މަތީބަޔަކަން އިތުރަށް ހާމަވަމުންދާ ކަމަށް ޖެނީވާގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ޑަބްލިޔުއެޗްއޯގެ އިންސިޑެންޓް މެނޭޖަރ އަބްދީ މަހަމޫދު ވިދާޅުވިއެވެ.

އޮމިކްރޮންއާ ގުޅޭގޮތުން ހަދަމުންދާ އައު ދިރާސާތަކުންވެސް ދައްކަމުންދަނީ، އޮމިކްރޮންގެ ޒަރީއާއިން ބަލިޖެހޭ މީހުންގެ ކިބައިން ފެންނަނީ ލުއި އަލާމާތްތަކެއްކަން ހާމަވަމުންދާ ކަމަށާއި، މިއީ "އުފާވެރި ޚަބަރެއް" ކަމަށް ގަބޫލު ކުރެވިދާނެ ކަމަށް އަބްދީ މަހަމޫދު ވިދާޅުވިއެވެ.

އޮމިކްރޮންއަކީ ކުރިން ފެނިފައިވާ ވޭރިއެންޓްތަކަށްވުރެ ނުރައްކާ ވޭރިއެންޓެއް ނޫންކަމަށް ދުނިޔޭގެ ބައެއް ގައުމުތަކުގެ ސައިންސްވެރިން ހެދި ދިރާސާތަކުން ދައްކާފައި ވެއެވެ. އޮމިކްރޮން އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއިން ހެދި ދިރާސާއިންވެސް ދައްކާފައިވަނީ އެ ނަތީޖާއެވެ.

އެހެން ނަމަވެސް، އޮމިކްރޮންއަކީ ވަރަށް ހަލުވިކަމާއެކު ބަލިފަތުރާ ވޭރިއެންޓެއްކަމުން، ދުނިޔޭގައި އެންމެ ގިނަ ބަޔަކަށް ކޮވިޑްޖެހޭ ވޭރިއެންޓަކަށް އޮމިކްރޮން ވެގެން ހިނގައިދާނެ ކަމަށް ޑަބްލިޔުއެޗްއޯގެ އިންސިޑެންޓް މެނޭޖަރ އަބްދީ މަހަމޫދު ވިދާޅުވިއެވެ.

މިއީ، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ނުޖަހާހުރި ގައުމުތަކަށް އޮތް ނުރައްކަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮމިކްރޮން ވޭރިއެންޓުގެ ރިސްކް އަދިވެސް ވަރަށް ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިދިޔަ ހަފްތާގައި ބުނެފައި ވެއެވެ.

ކޮވިޑްބަލީގެ ހާލަތުގެ ހަފްތާ ރިޕޯޓްގައި ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، ބައެއް ގައުމުތަކުގައި ޑެލްޓާއަށްވުރެ އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، އޮމިކްރޮން ވޭރިއެންޓާ ގުޅިފައިވާ ރިސްކް ވަރަށް މަތިކަމަށެވެ.

އޮމިކްރޮން ވޭރިއެންޓުން ރައްކަތެރިވުމަށް ވަކި ވެކްސިނެއް ޖަހަން ޖެހިދާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އަބްދީ މަހަމޫދު ވިދާޅުވީ، އެކަމަށް އެއްޗެއް ވިދާޅުވާން އަދި މާއަވަސް ކަމަށާއި، އެކަމުގައި ގޮތެއް ނިންމަންވާނީ ވެކްސިން އުފައްދާ ފަރާތްތަކުން ނޫން ކަމަށާއި، ގޮތެއް ނިންމެންވާނީ ކަމާބެހޭ މާހިރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.