ކޮވިޑް-19ގެ ރާޅާއެކު ދިވެހިންވެސް މާސްކު އަޅަން މަޖުބޫރިވިއެވެ. ކޮވިޑުން ރާއްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތޭރާގައި މާސްކް އެޅުމާކީ މަޖްބޫރުކަމެއް ކަމުގައި ހަދާ އާންމުން އެއްވެ އުޅޭ ތަންތަނުގަ މާސްކް ނާޅާނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ސަރުކާރުން ނިންމިއެވެ. މާސްކު އަޅަން ފެށި ފުރަތަމަ ދުވަސްކޮޅު އެކަމުގެ އުނދަގޫ ގިނަ ބަޔަކަށް އުފުލަންޖެހުނު ނަމަވެސް ބަލިން ރައްކާތެރިވުމަށް މާސްކުގެ މުހިއްމުކަން އެންމެންވެސް ގަބޫލުކުރިއެވެ.

ކޮވިޑް ބަލި ފެނިފައިވާ ރަށްރަށުން މާސްކު އެޅުން ފެށިގެން އައި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެށްގައިވެސް ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން ކެނޑިނޭޅި އިލްތިމާސްކުރިއެވެ. ގިނަ ބަޔަކު މި އިލްތިމާސްތައް އަޑުވެސް އެހިއެވެ. އެހެންނަމަވެސް މިކަން ހިފަހައްޓާލެވުނީ ކުޑަދުވަސްކޮޅަކަށެވެ. ކޮވިޑްގެ ބަލި ފެނިފައިވާ ރަށްރަށުގައިވެސް ބައެއް މީހުން މާސްކު ނާޅާ އުޅޭއިރު ބަލި ނެތް ރަށްރަށުގައި ނުވަތަ މޮނިޓަރިންއަށް ލާފައި ނެތް ރަށްރަށުގައި އެއް ގޮތަކަށްވެސް މާސްކު ނާޅައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޗުއްޓީ ދުވަސްވަރާއެކު ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގިނަ ބަޔަކު ދަނީ ދަތުރުކުރަމުންއެވެ. މި ދުވަސްވަރުވެސް މާސްކުގެ މުހިއްމުކަމާއި މެދު ވިސްނާލަނީ މަދު ބައެކެވެ. މާސްކު އަޅައިގެން އުޅޭ މަދު މީހަކު ފެނުނު ނަމަވެސް އާބާދީގެ ގިނަ ބަޔަކު އެއްތަންވެ ދަތުރުދިޔުމާއި، އާއިލީ ހަފްލާތަކުގެ އިތުރުން ގިނަ އެއްވުންތައް ބާއްވާ އުފާ ފާޅުކުރާއިރު މާސްކު ނޭޅުމަކީ އެންމެ ރައްކާތެރި ގޮތްބާ؟ އެކަކު ނާޅާތީ، އެހެން އެންމެން މާސްކު ނާޅާ އުޅުމަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. މިހާރުވެސް ރަށްރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އިސްވެރިންވެސް މާސްކު ނާޅާ އުޅޭތަން ވަރަށް ގިނައިން ފެނެއެވެ. މިއީ ވަރަށް ދެރަކަމެއްކެއެވެ. ނަމޫނާ ދައްކަވަން ތިއްބަވާ ބޭފުޅުންވެސް މާސްކު ނާޅާ އުޅޭތަން ވަރަށް ގިނައިން ފެނެއެވެ. ސިއްޚީ މާހިރުން މިހާރު ދީފައިވާ ލުއިތަކަކީ ކޮވިޑް ނެއްކަމަށް ބަލާފަ ދިން ލުއިތަކެއް ނޫނެވެ.

އެކަން އެނގެނީ ކޮވިޑަށް ޓެސްޓް ހެދުމަށް ނަގާ ސާމްޕަލްތަކުންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 4 މަސް ދުވަހާ އަޅާބަލާފަ މިހާރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓު އަންނަނީ މަތިވަމުންނެވެ. ސިއްޚީ މާހިރުން ކެނޑިނޭޅި ދެމުންދާ އިރުޝާދަކީ ބޭރަށްދާއިރު އަދި ގިނަ މީހުން އެއްވާ ތަނަކަށްދާނަމަ މާސްކް ބޭނުން ކުރުމަށެވެ. ރައްކާތެރި ގޮތަކީ މާސްކު އެޅުން ކަމަށް ތަކުރާރުކޮށް އެ ބޭފުޅުން އަންނަނީ ނަސޭހަތް ދެމުންނެވެ.

ކޮވިޑާއެކު ދިވެހިން ހޭދަކުރި އެންމެ ހިތްދަތި ތަޖުރިބާތައް އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އެހެންކަމުން ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި މާސްކު އަޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތަކަށްވެސް އަމަލުކުރަން އެބަޖެހެއެވެ. ފަހުންވެސް ރައްކާތެރިކަން އޮތީ މާސްކާ އެކުގައެވެ. މިއަދު އަހަރެމެން އެންމެގެ އަޒުމަކަށް ވާންވީ "އެންމެ ފަހު މީހާ އާއި ޖެހެންދެންވެސް މާސްކު އެޅުމަށެއެވެ."