ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ވީމީޑިއާ ހިންގާ އައިލެންޑް ބްރޯޑްކާސްޓިން ކޮމެޕްނީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ ގައުމީ ޔުނިވާސީޓީ އިޝްތިހާރުކުރުމާއި އެ ޔުނިވާސިޓީން ހިންގާ ހަރަކާތްތަކުގެ މީޑިއާ ކަވަރޭޖް ދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ވީމީޑިއާގެ ކުޑައިގެ ދަށުން ހިންގާ އޮންލައިން ނޫސް "ވީިނިއުސް" އާއި ޓީވީ ޗެނަލް "ވީޓީވީ" މެދުވެރިކޮށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިޝްތިހާރުކުރެވިގެންދާނެއެވެ. އަދި ޔުނިވާސިޓީން ހިންގާ ހަރަކާތްތައް ލައިވްކޮށް ނުވަތަ ރެކޯޑްކުރެވިގެން އެއްބަސްވެފައިވާ ގޮތަށް ވީޓީވީން ގެނެސްދޭނެއެވެ. މިއީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

އެމްއެންޔޫ އާއި ވީޓީވީއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ވީމީޑިއާގެ ޗީފް އެޕަރޭޓިން އޮފިސަރ (ސީއޯއޯ) މުހައްމަދު ޒަހީން ވިދާޅުވީ، އެމްއެންޔޫއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ޔުނިވާސިޓީގެ ގްރޭޖުއޭޝަން އިވެންޓްތައް ފަދަ އިވެންޓްތައް ލައިވްކޮށްދިނުމުގެ އިތުރުން ކޯސްތަކާއި އިންޓޭކްތައް ވީޓީވީ އާއި ވީއޮންލައިން މެދުވެރިކޮށް އިޝްތިހާރުކުރުން ހިމެނޭ ކަމަށެވެ. ޒަހީން ވިދާޅުވީ، މި ފުރުސަތު ކޮންމެ ކޮލެޖް/ޔުނިވާސިޓީއަކަށް ވެސް އެބަ އޮތް ކަމަށެވެ.

ވީޓީވީއަކީ ދިވެހިރާއްޖޭގައި ހުއްޓުމެއް ނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ދެމުން އަންނަ ޕްރައިވެޓް ޓީވީ ޗެނަލްއެވެ.

އެމްއެންޔޫގެ އިތުރުން ވީމީޑިއިން މިހާރު ވެސް އެކިއެކި ކޮލެޖްތަކާއެކު މި ފަދަ އެއްބަސްވުންތަކުގެ ދަށުން މި ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން އެވިޑް ކޮލެޖުގެ ހަރަކާތްތައް ވީމީޑއާއިން އަންނަނީ ގެނެސްދެމުންނެވެ.