ދައުލަތުގެ ބައެއް މަޝްރޫއުތަކުގައި ގެރެންޓީއަކާ ނުލައި އެޑްވާންސަށް ފައިސާ ދެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފިއެވެ.

މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ބީލަމަށް ނުލާ ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު އެޑްވާންސް ޕޭމަންޓް ގެރެންޓީ އެއް ނެތި ފައިސާ ދޫކުރެވިދާނެ ކަމަށެވެ.

ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދޫކުރެވޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތެއް ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޖޭންޖްގައި ލިސްޓްކޮށްފައިވާ ބަޔަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކެވެ.

އެފަދަ މަޝްރޫއުތައް ހަވާލުކުރާއިރު އެ މަޝްރޫއުގެ އަގާއި، ބާވަތާއި، މަސައްކަތް ހަވާލުކުރާ ފަރާތުގެ މައުލޫމާތު ޓެންޑަ ބޯޑަށް ހުށަހެޅުމާ އެކު މިނިސްޓަރުގެ ލަފާ ވެސް ލިޔުމުން ހޯދަން ޖެހެއެވެ.

އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓް އަގުގެ 250،000 ރުފިޔާއަށް ވުރެ ބޮޑެތި އަދަދުތައް ހިމެނޭ މަޝްރޫއުތަކުގައެވެ. އެގޮތަށް ފައިސާ ދޫކުރެވޭނީ ވެސް މަޝްރޫއުގެ ޖުމްލަ އަގުގެ 15 ޕަސަންޓަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ. ހާއްސަ ހާލަތެއްގައި މިނިސްޓަރުގެ ހުއްދައާއި އެކު 15 ޕަސަންޓަށް ވުރެ ބޮޑުކޮށް ވެސް އެޑްވާންސް ފައިސާ ދޫކުރެވޭނެ ގޮތްތައް ގަވާއިދުގައިވެއެވެ.

މިއީ މާލިއްޔަތު ގަވައިދަށް ގެނައި ހަވަނަ އިސްލާހެވެ. މި އިސްލާހު ގެޒެތްކުރުމާއެކު މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.