2015 ވަނަ ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ހެދި ޑިވިޝަންތައް އުވާލައިފިއެވެ. އުވާލި ޑިވިޝަންތަކަކީ ސުޕްރީމް ކޯޓުގެ ސަރކިއުލާއަކުން ހަދާފައިވާ ޑިވިޝަންތަކެކެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސޮއިކުރައްވައި ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ، ކޯޓުތަކުގެ އިހުތިސާސްތަކާއި މަސައްކަތްތައް ހިންގުމުގެ އުސޫލުތައް ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)ގައި ބަޔާންކޮށްފައިވާއިރު، ކޯޓުތަކުގެ މަސައްކަތްތައް ތަރުތީބުވެ އިންތިޒާމް ކުރެވިފައި އޮންނަންވާނީ އެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ގާއިމުކުރެވުނު ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިހުތިސާސްތައް އެ ގާނޫނުގެ ޖަދުވަލު 1 އަދި 3 ގައި ބަޔާންކޮށްފައިވާއިރު، މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސާސް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގެންވާކަމަށް ޕްރެކްޓިސް ޑައިރެކްޝަން ވެއެވެ.

އެހެންނަމަވެސް، އެގޮތަށް ބަޔާން ކުރުމަށްފަހު، ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިގެންވާގޮތާއި އެކޯޓުން ބަލާ މައްސަލަތައް އެ ގާނޫނުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާތީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގައި 5 ޑިވިޝަން ގާއިމުކޮށް ތަރުތީބު ކުރެވިފައިވާ ގޮތުން ހަމަހަމަ އުސޫލުން މަސައްކަތްތައް އިންތިޒާމް ކުރުމަށް ހުރަސްއެޅޭތީ ސިވިލް ކޯޓުގައި 05 ޑިވިޝަން ގާއިމުކޮށް، ހިބައާއި ވަސިއްޔަތާއި، ތަރިކައިގެ މައްސަލަތަކާއި، ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި، މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހެޅޭ މައްސަލަތައް ބަލާނީ އެކަމަށްޓަކައި ފެމިލީ ކޯޓުގައި ގާއިމުކުރެވޭ ޑިވިޝަނުން ކަމަށް ކަނޑައަޅައި 2015 ޖަނަވަރީ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ސަރކިއުލާއެއް ނެރެފައެވެ.

އެ ސަރކިއުލަރ ބާތިލުކޮށް ސުޕްރީމް ކޯޓުން ބުނީ، ސިވިލް ކޯޓާއި ފެމިލީ ކޯޓުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހުތިސާސާ އެއްގޮތްވާ ގޮތުގެމަތިން މައްސަލަ ބަލަމުން ގެންދާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެގޮތަށް ހަމަޖެހުމުން އެ ސަރކިއުލަރގެ ދަށުން މިހާރު ހަދާފައިވާ ޑިވިޝަންތައް އުވިގެން ދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މަތީ ކޯޓުގެ ސަރކިއުލަރ ބާޠިލުވުމާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް 2012 ޖަނަވަރީ 31 ގެ ނިޔަލަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުން ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.