ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޕްރެޒިޑެންޓްސް ކަޕުގެ މި ސީޒަނުގެ ފައިނަލް މެޗު ރ. އަލިފުށީގައި ކުޅެން ނިންމައިފިއެވެ.

މިގޮތަށް މިކަން ނިންމުމަށް ހުސްވި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސް ބައެއް ބޭފުޅުންނާއެކު ކުޅިވަރު ވުޒާރާގެ ބައެއް ބޭފުޅުންގެ ވަފުދެއް ވަނީ އަލިފުށީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ޝާހު އިސްމާއިލް (ސާޔާ) އާއި އިސްމާއިލް ރިޔާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މުބާރާތް އަލިފުށީގައި ބޭއްވުމަށް ނިންމާފައިވާއިރު، މިއީ މި މުބާރާތުގެ ފައިނަލް މެޗު މާލެ ނޫން ރަށެއްގައި ބާއްވާ ތިންވަނަ ފަހަރެވެ.

މީގެކުރިން 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް ސ. ހިތަދޫގައި ބާއްވާފައިވާއިރު އެފަހަރު މުޅި މުބާރާތް ބާއްވާފައިވަނީ ހދ. ކުޅުދުއްފުށީގައި އާއި ހިތަދޫގައެވެ. މާލެއިން ބޭރުގައި އެ މުބާރާތް ބާއްވާފައިވަނީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައި އޮތުމާއި ގުޅިގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗެއް މާލެއިން ބޭރުގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ 1970 ވަނަ އަހަރުއެވެ. އެފަހަރުވެސް މުބާރާތް ބާއްވާފައިވަނީ އައްޑޫގައެވެ. އެ މުބާރާތުގެ ފައިނަލުގައި ޑީއެންސީ އާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބް ބައްދަލުކުރިއިރު މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗު އެއްވަރުވުމުން އެމުބާރާތުގެ ޗެމްޕިއަންކަން ދެޓީމަށް ޖޮއިންޓް ޗެމްޕިއަންކަން ވަނީ ދީފައެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ފުރަތަމަ ޑިވިޝަނުގެ 8 ކްލަބުން ކުޅޭއިރު، މުބާރާތް ކުރިޔަށްދާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު މިއަހަރު ޕްރެޒިޑެންޓްސް ކަޕު ކުޅޭއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ނިއު ރޭޑިއަންޓެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު އަލިފުށީގައި ކުޅެން ނިންމާފައިވާއިރު އަލިފުށީގައި އަޅާފައިވާ ޓާފް ދަނޑަކީ މި ސަރުކާރުގެ ހަރަދުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ހުޅުވި ދަނޑެކެވެ.

މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން އަތޮޅުތެރޭގައި ފެންވަރު ރަނގަޅު 100 ދަނޑު އެޅުމަށް މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ބައެއް ރަށްރަށުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، ގިނަ ދަނޑުތަކުގެ މަސައްކަތް ވަނީ ކޮންޓްރެކްޓް ކުރެވި ނުވަތަ އަމަލީ މަސައްކަތް ފެށިފައެވެ.

މި ސިޔާސަތުގެ ސަބަބުން 2022/2023 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން މުޅި ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމް އިން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމަކަށް ވާނެއެވެ.