8 ގައުމަކުން މަތިންދާ ބޯޓްތައް އައުން ހޮންކޮންގުން މަނާކޮށްފިއެވެ.

މިލިސްޓުގައި ހިމެނޭ ގައުމުތަކަކީ، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް، އިންޑިއާ، ޕާކިސްތާން، ފިލިޕީންސް، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.

ހޮންކޮންގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، މި ގައުމުތަކުން އަންނަ މަތިންދާ ބޯޓްތައް ހޮންކޮންގައި ޖެއްސުން މަނާކުރީ ޖެނުއަރީމަހުގެ 8 ވަނަ ދުވަހުން ފެށީގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ހޮންކޮންގުން މިފިޔަވަޅު އެޅީ، އެގައުމުތަކުން އައި މީހުންގެ ކިބައިން އޮމިކްރޮން ވޭރިއެންޓް ފެނުމާ ގުޅިގެންނެވެ.

އޮމިކްރޮން ވޭރިއެންޓު ފެތުރުން ހުއްޓުވަން ހޮންކޮންގެ ސަރުކާރުން މިހާރުވަނީ އައު ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ހަވީރު 6:00 ގެ ފަހުން ރެސްޓޯރަންޓްތަކުގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުންވަނީ މަނާކޮށްފައެވެ.

މީގެއިތުރުން، އިންޑޯ ސްވިމިންގ ޕޫލްތަކާއި، ކުޅިވަރު ސެންޓަރުތަކާއި، މިއުޒިއަމްތަކާއި، އެނޫންވެސް ރޭގަނޑުގެ ވަގުތުތަކުގައި ގިނަބަޔަކު އެއްވެ އުޅޭ ހުރިހާ ތަންތަނެއް ހަވީރަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ކެރީ ލާމް ވިދާޅުވިއެވެ.

ފަސިންޖަރުން އުފުލާ ކްރޫޒް ދަތުރުތައްވެސް ހޮންކޮންގުން މިހާރުވަނީ ކެންސަލް ކޮށްފައެވެ.

ހޮންކޮންގެ ވެރިޔާ ކެރީ ލާމް ވިދާޅުވީ، ހޮންކޮންގް މިހާރު އޮތީ ކޮވިޑްބަލީގެ ފަސްވަނަ ރާޅެއްގެ ތުންފަތްމަތީގައި ކަމަށެވެ.

މެއިންލޭންޑް ޗައިނާއެކޭ އެއްގޮތަށް، ކޮވިޑް ފެތުރުން ހުއްޓުވަން ހޮންކޮންގުންވެސް ވަނީ ވަރަށް ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. މިއީ، މުޅި ދުނިޔޭގައި ކޮވިޑާ ދެކޮޅަށް އަޅާފައިވާ އެންމެ ހަރުކަށި ފިޔަވަޅުތަކެވެ.