ކުޅިވަރު އެސޯސިއޭޝަންގެ ހިންގުންތެރިން އިންތިޚާބުކުރުމަށް ބާއްވާ އެއްވެސް އިންތިޚާބަކަށް ނުފޫޒު ފޯރުވަން ނުވަތަ އެހެން ގޮތަކަށްވެސް ވަދެފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ނުވަންނާނެކަމުގެ ޔަގީންކަން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ވީސްޕޯޓްސް ޓޯކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، މިނިސްޓަރުގެ މަގާމާއި ހަވާލުވިފަހުން އެސޯސިއޭޝަންތަކާއި ވަރަށް ގާތްގުޅުމެއް އުފެދިފައިވާކަމަށެވެ. އަދި އެ ގާތްކަމަކީ އެ އިންތިޚާބަށް ނުފޫޒު ނުފޯރުވާ ގުޅިގެން ކަންކަން ކުރުމަށް ކުރައްވާ މަސައްކަތުގެ ސަބަބުން އުފެދިފައިވާ ގާތްގަމެއްކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެކުރިން މިނިސްޓަރާއި ކުޅިވަރު ވުޒާރާ އާއި ގުޅިގެން މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަނީ، މިނިސްޓްރީން ނުވަތަ މިނިސްޓަރު ތާއީދު ކުރައްވާ ކެންޑިޑޭޓަކު އިންތިޚާބު ނުވެ، ދެން ކުރިމަތިލާ ކެންޑިޑޭޓް އިންތިޚާބުވުމުގެ ސަބަބުން ކަމަށާއި، އެގޮތަށް ކަންތައްތައް ވުމުން، ސަރުކާރާއި އެސޯސިއޭޝަންތައް ގުޅިގެން މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެކަން މިނިސްޓަރ މަހްލޫފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އަބަދުވެސް އަޅުގަނޑުމެންނާ އެސޯސިއޭޝަންތަކާއި ދެމެދު ވަރަށް ގާތްގުޅުމެއް އޮވޭ. އަޅުގަނޑު އައިފަހުން އެބައޮތް. އަޅުގަނޑަށް ހީވަނީ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑު އަމިއްލައަށް އިންތިޚާބުތަކުގެ ތެރެއަށް ނުވަންނާތީ ކަންނޭނގެ. އިންތިޚާބުތަކުގެ ތެރެއަށް މިނިސްޓަރަކަށް ހުންނަ މީހާ ވަންނަ ހިސާބުން، މިނިސްޓަރ ސަޕޯޓުކުރާ އަދި ހޮވަން މަސައްކަތްކުރާ ކެންޑިޑޭޓު ނޫން އެހެން ބޭފުޅަކު ރައީސަށް އިންތިޚާބުވީމަ، ދެން މިހުންނަނީ ހިންހަމަ ނުޖެހިފަ. އެހެންވީމަ އަޅުގަނޑު އެކަމަކަށް ނުވަންނަން. އަޅުގަނޑު ނުބަލަން ކާކުތޯ ހޮވެނީއެއް. އަޅުގަނޑު ބަލަނީ އެ ކުޅިވަރު އާއިލާއަކުން ގަބޫލުކޮށްގެން ހޮވިގެން އަންނަމީހާ އާއިއެކީ މަސައްކަތް ކުރެވޭތޯ".
މިނިސްޓަރ މަހްލޫފް

މިނިސްޓަރ އިތުރަށް ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަން ތަކުގައި ސިޔާސީގޮތުން ފިކުރު ތަފާތުވާ ބޭފުޅުންވެސް ތިއްބަވާ ކަމަށާއި އެހެންނަމަވެސް ކުޅިވަރުގެ ކަންތައްތަކުގައި އެބޭފުޅުންވެސް އަދި މިނިސްޓަރގެ ފަރާތުންވެސް އެކަން ނުފެންނާނެކަމަށެވެ. އަދި އަމާޒަކީ އެކުގައި މަސައްކަތްކޮށްގެން އެކުޅިވަރެއް ކުރިއަރުވާ، އެ ކުޅިވަރަކަށް ފާގަތި ދުވަސްތަކެއް ހޯދުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ތެރެއިން، ހުރިހާ ކުޅިވަރަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މީގެކުރިން ކުޅިވަރަށް ގެނެސްދޭ ތަރައްގީއަކީ ހަމައެކަނި ފުޓްސަލް ދަނޑުތައް އެޅުންކަމަށް އޮތްއޮތުން ބަދަލުކޮށް، ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތަކާއި، އައުޓް ޑޯ ވޮލީކޯޓުތަކުގެ އިތުރުން ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ބާސްކެޓް އެރީނާފަދަ މަލްޓި ޕާޕަސް އިންޑޯ ހޯލްތަކެއް އެޅުމަށްވެސް މިސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށް، މިފަދަ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމް ކޮށްދީފައެވެ.

އަދި ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގެ އެތްލީޓުންނަށްވެސް ބައިނަލްއަގްވާމީ މުބާރާތްތަކަށް ދިއުމުގެ ފުރުސަތާއި، ކުޅިވަރުތަކުގައި ކުރިއަރާފައިވާ ގައުމުތަކުން ތަމްރީން ހޯދުމުގެ ފުރުސަތުތައްވެސް، ސީދާ މިނިސްޓަރ މަހްލޫފްގެ ބެއްލެވުމުގެ ދަށުން ހޯދައިދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.