އެއަރ މޮރިޝަސްގެ މަތިންދާ ބޯޓެއްގެ ފާޚާނާ ތެރޭގައި ހުރި ޑަސްބިން ތެރެއަށް ލާފައިވާ ތުއްތު ކުއްޖަކު، މޮރިޝަސްގެ އެއަރޕޯޓް ސްޓާފުންނަށް ފެނިއްޖެއެވެ.

އެއީ، ފާޚާނާ ތެރެއަށް ވިހާފައި މީހަކު ދޫކޮށްލާފައިވާ ކުއްޖެކެވެ. އެއީ، ފިރިހެން ކުއްޖެކެވެ.

މިކަމުގެ ތުހުމަތުގައި އުމުރުން 20 އަހަރުގެ އަންހެނަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށާއި، އެއީ މަޑަގަސްކަރައަށް ނިސްބަތްވާ އަންހެނެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތުއްތު ކުއްޖާ ފެނުނީ، ޖެނުއަރީމަހުގެ 1 ވަނަ ދުވަހު މަޑަގަސްކަރައިން މޮރިޝަސްއަށް އައި އެއަރ މޮރިޝަސްގެ މަތިންދާ ބޯޓެއްގެ ފާޚާނާ ތެރެއިންނެވެ.

އެއަރޕޯޓުގެ ސްޓާފުންނަށް ތުއްތު ކުއްޖާ ފާޚާނާގެ ޑަސްބިން ތެރެއިން ފެނުނީ، އާންމު އުސޫލުން ބޯޓް ޗެކްކޮށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށެވެ.

މަތިންދާ ބޯޓުގެ ފާޚާނާ ތެރެއިން ތުއްތު ކުއްޖާ ފެނުނުއިރު މަރުނުވާ ކަމަށާއި، އެހެންވެ، އަވަހަށް ގެންދިޔައީ ހޮސްޕިޓަލަށެވެ.

މޮރިޝަސްގެ މީޑިއާއިން ބުނެފައިވަނީ، ކުއްޖާގެ މަންމަކަމަށް ތުހުމަތު ކުރެވޭ އަންހެންމީހާ އެކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށް ފުރަތަމަ އިންކާރުކުރި ކަމަށެވެ. ނަމަވެސް، މެޑިކަލް ޓެސްޓްތަކެއް ހެދިއިރު އެދުވަހު އޭނާ ކުއްޖަކު ވިހާފައިވާކަން ކަށަވަރުވި ކަމަށެވެ.

އެ އަންހެންމީހާ ފުލުހުންގެ ފާރަވެރިކަމުގެ ދަށުގައި މިހާރު ހުރީ، ތުއްތު ކުއްޖާއަށް ފަރުވާދެމުންގެންދާ ހޮސްޕިޓަލުގައެވެ.

ދެމައިންގެ ސިއްހަތުވެސް ރަނގަޅުކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

މަޑަގަސްކަރައިގެ އަންހެންމީހާ މޮރިޝަސްއަށް އައީ، ދެއަހަރު ދުވަހުގެ ވޯރކްޕާމިޓެއްގެ ދަށުން ނަމަވެސް، އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު ސުވާލު ކުރެވޭނެ ކަމަށާއި، ތުއްތު ކުއްޖާ ވިހާފައި ފާޚާނާގެ ޑަސްބިނަށްލީ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.