ނ. ހޮޅުދޫގައި މި ސަރުކާރުން ގާއިމްކުރި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގާއިމްކުރި މިދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ. ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީވެސް ރައީސް އެވެ.

ރައީސްގެ އިތުރުން މިދަނޑު ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް އާއި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފުޓުބޯޅަ ދަނޑު ކައުންސިލާ ހަވާލު ކުރުމުގެ ގޮތުން ޚާއްސަ ހަނދާނީ ފިލާ ކައުންސިލާ ހަވާލު ކޮށްދެއްވީ މިނިސްޓަރ މަހްލޫފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަޚްލޫފް ވިދާޅުވީ, ކޮވިޑްގެ ހާލަތުގައި އެންމެ ފުރިހަމައަށް ދަނޑުގެ މަސައްކަތް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މަސައްކަތް ފުރިހަމައަށް ނިންމާލެވުނު ކަަމަށެވެ. އަދި ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތަށް މިހާރު އިއުލާން ކޮށްފައިވާ ކަަމަށާއި, ހޮޅުދޫގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރައްވާނެ ކަަމަށެވެ.

ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު ޚާއްސަ މެޗުގައި ބައްދަލުކޮށްފައިވަނީ މާލޭ ވެޓެރަންސް އާއި ހޮޅުދޫން ހޮވާލެވުނު ޓީމެކެވެ.

ސަރުކާރުގެ ކުޅިވަރު ސިޔާސަތުގައި ހިމެނޭ އަތޮޅުތެރޭގައި ފެންވަރު ރަނގަޅު 100 ފުޓުބޯޅަ ދަނޑު އެޅުމަށް އަޒުމުކަނޑައަޅާފައިވާއިރު މިހާރުވެސް އެތައް ރަށެއްގައި މިފަދަ ދަނޑުތަކެއް ގާއިމްކޮށްދީފައިވެއެވެ. އެގޮތުން ރ. އަލިފުށީގައި މި ސަރުކާރުން ގާއިމްކޮށްފައިވާ ދަނޑުގައި މިއަހަރުގެ ފުޓުބޯޅަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ކުޅުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ނިންމާފައެވެ.