އިދިކޮޅުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ހެންވޭރުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިން ފެށި އެ ހަރަކާތުގެ ތެރެއިން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާކަމަށް ޕީޕީއެމުން ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި، ޕާޓީގެ އާންމު މެމްބަރުން ހިމެނެއެވެ. ޕީޕީއެމުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 9 އަންހެނުންނާއި 2 ފިރިހެނުން ކަމަށާއި، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ބާއްވާ ހަރަކާތްތަކަށް މީގެކުރިންވެސް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. ހުސްވި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިދިކޮޅުން އިންތިޒާމްކުރި ވެހިކަލް ބުރު ފެށިޔަނުދީ ފުލުހުން ވަނީ ހުއްޓުވާފައެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތުމަށް ފަހު، އިދިކޮޅުން ވަނީ މި ހަރަކާތް އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، އަތޮޅުތެރޭގެ އެކި ރަށްރަށަށް ވަޑައިގެން މި ހަރަކާތް ފުޅާކޮށްފައިވާއިރު، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް މި ހަރަކާތް ފުޅާވެގެން ދިޔުމަކީ އެމަނިކުފާނުގެ އަމާޒުކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ފ. ނިލަންދޫގައި މިއަދުވެސް އިންޑީއާ އައުޓް ކެމްޕެއިންގެ ހަރަކާތެއް ބާއްވާފައިވާއިރު، އިންޑިއާ އައުޓް ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ.

އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަށް ބާރުފޯރުވާކަމަށްބުނެ އިދިކޮޅުން ދަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުވުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.