ރާއްޖޭގައި 70އިގެ ދުވަސްވަރު ފުޓުބޯޅަ ކުޅެން ގެންގުޅެނީ ފަހާފައިވާ ފިތްތަކެއް ލައިފައިވާ ބޯޅައެކެވެ. އަދި އެފަދަ ބޯޅައެއް ކުޅެން ނުލިބޭ ކުދީން ފުއްޕާހަމުގެ ބޭރުން ފޮތި އޮޅައި ސުތުލި އޮޅައިގެން އެއަށް ބަރުދަނެއް ގެނެސްގެން ކުޅެއުޅެއެވެ. މިގޮތަށް އުފައްދާ ބޯޅަ ހަދަނީވެސް ދެތިން ހަތަރު ހަން އެކަތީގެ ތެރެއަށް އަނެކަތި ލައިގެން ފުއްޕައިގެންނެވެ.

ނަމަވެސް ދުވަސްކޮޅަކުން ވޯޓަރ ޕްރޫފް ބޯޅައޭ ކިޔާ ހަމެއް ގެނެވުނެވެ. އެހެން ނަމަވެސް އެއީ އާދައިގެ ކުދީންނަށް ގެންގުޅެވޭ ވަރަށްވުރެ އަގުބޮޑު އެއްޗެކެވެ. އެހެންވީމާ ކުލަބުތަކުން ބާވެގެން ބޭނުން ނުކުރާ ނުވަތަ ފިތްތަށް ފަހާފައިވާ ރޮދި ކަނޑައިގެން ގޮސް ފިތްތައް ނެއްޓޭވަރުގެ ބޯޅަ އެކި ގޮތްގޮތުން ހޯދައިގެން އަމިއްލައަށް ފިތްތަށް ފަހައިގެން ކުޅެން ގެންގޮސްއުޅެއެވެ. ނަމަވެސް ދުވަސްކޮޅަކުން އެއްކަލަ ފިތް ބޯޅައަކީ ކުޅެން ބޭނުންނުކުރާ އެއްޗަކަށްވެ އެއްކަލަ ވޯޓަރ ޕްރޫފް ބޯޅަ އެންމެންގެ އަތްފޯރާ ފަށަށް އައިތަން ފެނުނެވެ. މިގޮތަށް މިކަން ވުމުގެ މާނައަކީ ކަންކަން ކުރަން ގެންގުޅޭ ގޮތްކާއި ގެންގުޅޭ ތަކެއްޗާއި ކަންކުރާ ގޮތް ޒަމާނާއިއެކު ބަދަލުވަމުން ދިއުމެވެ. މިއަދު ދުނިޔޭގައި ނުގެންގުޅޭ ވައްތަރެއްގެ ފުޓުބޯޅައެއް ރާއްޖެއިން ނުލިބޭނެއޭ ނުބުނެވޭނެއެވެ.

ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ކޮންމެ ހަރުފަތެއްގައިވެސް އަލަށް ކުރިމަތިވާ ޙާލަތުގެ ޙަޤީޤަތްތަކާއި އަހަރެމެން ކުރިމަތިލަމުއެވެ. އަދި އެކަމުގައި ކުރިއަށްދަނީ ކުރީންވެސް ދިރިއުޅުމުގެ ހުރިހާ މަގެއްގައި ކުރިއަށްދާގޮތަށެވެ. ތަރައްޤީއާއި ކުރިއެރުމުގެ ދުވެލީގައެވެ. އަދި އާ ޙަޤީޤަތްތައް ކުރިމަތިވަނީ އެހެން ޙަޤީޤަތްތަކެއް އިންސާނުންގެ ޢާންމު ދިރިއުޅުމަށް ވަދެ ލާމެހިފައި ވަނިކޮންނެވެ. އަދި ދިރިއުޅުމުގެ އާ ޙަޤީޤަތްތަކަށް އެކަންވެގެން ދެއެވެ.

އެހެން ނަމަވެސް އެންމެ އުފާވެރި ޚަބަރަކަށް ވެގެންދަނީ އާ ޙަޤީޤަތަކީ ދުނިޔެވެސް އޭގެ ދުވެލީގައި ތަރައްޤީގެ ހަލުވި ކަމެއް ގެންނަ ކަމަކަށްވުމެވެ. ނަމަވެސް އެ ތަރައްްޤީއަކީ ސުވަލު އުފެދޭ ކަމެއްތޯ ނުވަތަ ނޫންތޯ އެއީ އިންސާނުންގެ މެދުގައި ބަހުސު ކުރެވިގެންދާނެ ކަމަކަށްވާނެއެވެ. އެހެންވީމާ މި އާ ޙަޤީޤަތްތައް ޤަބޫލު ނުކުރާމީހާ، އާ ޢާންމު ޙާލަތުގެ ތެރެއަކު ނުހުންނާނެއެވެ. އޭނާއަށް އެއީ ޤަބޫލު ކުރެވޭ ކަމަކަށް ނުވާނެއެވެ.

ކޮވިޑް_19އިގެ އާ ޢާންމު ޙާލަތު ގެނުވައިފައިވާ އެތައް ކަމެއް މިއަދު މިވަނީ ތަރައްޤީއާއި ގުޅިފައެވެ. އޮފީސް މަސައްކަތްތައް ގޭގައި ތިބެގެން ކުރުމުގެ ހުނަރުތަކާއި އީޖާދުތަކެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށް ގެނުވި އިންޤިލާބެވެ. މުދައްރިސުންނާއި ސްކޫލްތަކާއި ޔުނިވަރސިޓީ އަދި ކޮލެޖުތައް ހިންގަވާ އިދާރީ މުއައްޒަފުން އިންޓަރނެޓުގެ ޒަރީޢާއިން ބައްދަލުކޮށް ގޮތްނިންމައި ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލު ކުރުމެވެ.

ތަޢުލީމީ ދާއިރާގައި އެންމެ އަލިގަދަކޮށް ފެވިގެން ދިޔަ އޮންލައިންކޮށް ކިޔަވައިދިނުމެވެ. އެއްކޮޅުން ވަކި ހިސާބަކަށް އެކަން ވެގެން ދިޔައީ އިޤުތިޞާދީ ކާމިޔާބަކަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމު ދިނުމުގައި ހޯދި އިތުރު އުފެއްދުންތެރިކަމަކާއި އީޖާދުތަކުގެ ވާހަކަ ހުކުރު ޚުޠުބާގައިވެސް ފާހަގަވެގެން ދިޔައީއެވެ.

ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދެކޭ ދުނިޔޭގެ ކުޑަކުޑަ ޖަޒީރާ ޤައުމެކޭ ތަފާތެއް ނެތް މިންވަރަށެވެ. ދުނިޔޭގެ ތަރައްޤީއާއި ތަމައްދުންގެ ރާސްތާގައި ރާއްޖެވެސް އެއް ފިޔަވަޅެއްގައި ކުރިއަށް ހިނގައިގަތް ކަމަކަށް އެކަން ވެގެންދިޔައީއެވެ. މިއީ އޮންލައިންކޮށް ކިޔެވުމާއި ކިޔަވައިދިނުން އިތުރުވެގެންދިޔަ ކަމެކެވެ. ނަމަވެސް މިއަދު ދެކެމުން މިދަނީ، އާ ޢާންމު ޙާލަތާއި އެއްސަފުގައި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ކްލާސްތައް ފުރިގެންދާތަނެވެ.

މިވާހަކަތައް ފެށިއިރު ދެއްކި ފުޓުބޯޅައެއްގެ ވާހަކައަކީ ކުޅިވަރުގެ ވާހަކަ ދައްކަން ފެށި ވާހަކަތަކެއް ނޫނެވެ. ތަޢުލީމީ ދާއިރާއަށް އައި އިންޤިލާބާއި އޮންލައިންކޮށް ކިޔަވައިދިނުމުގެ ތަޖުރިބާ ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ދިވެހީން ހޯދަމުންދިޔަ ގޮތުގެ ވާހަކަ ދެއްކުމެވެ.

އެހެންވީމާ ކުރިން ކިޔަވަން ދިޔަ ގޮތަށް ސްކޫލްގައި ކިޔެވޭނެތޯ ނުވަތަ އެދުވަސް މާޒީވެ ދިޔައީތޯ ބަހުސު ކުރާނެ ޖާގައެއް އޮތުން ނުވަތަ ނެތުމުގެ ސުވާލެއް ނެތެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ވާހަކަ ދެއްކުނު ފުއްޕާހަމުން ހެދި ފުޓުބޯޅަ އޭރުވެސް ހަދަމުން ދިޔައީ އިރުޝާދުތަކެއްދަށުން ކަމަށްވުމާއިއެކު އެ މިސާލުން ސްކޫލްތަކަކީ އެފަދަ އިރުޝާދުދޭ ތަނތަންކަން ދެނެގެން ތިބުމެވެ. އަބަދުގެ އަބަދަށް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އިރުޝާދު ދޭތަނަކީ ސްކޫލްތައް ކަން ޤަބޫލު ކުރުމުވެ.

ދިގު މުއްދަތެއް ފާއިތުވެގެން ދިޔައީ އޮންލައިންކޮށް ނުވަތަ އިންޓަރނެޓުގެ ޒަރީއާގެ މުވާޞަލާތުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް ގޮންޖެހުންތަކެއް ގެނުވަމުންނެވެ. ނަމަވެސް އެކަން މިއަދު މިވަނީ މަޑުމަޑުން އާ އާންމު ޙަލަތާއިއެކު ލާމެހެމުންދާ ކަމެއްގެ ގޮތުގައެވެ. ހަމަ އެއާއި އެކު ސްކޫލްތައް ހުޅުވި ދަރިވަރުން ސްކޫލްތަކަށް ކިޔަވަންދާން ފަށައިފައެވެ.

އެހެން ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުން މިވަނީ ގިނަ ހުރަސްތަކެއް ނައްތައިލާ ކަމަކަށްވެފައެވެ. އޭގެ ތެރޭގައި ކިޔަވައިދިނުމާއި ކިޔެވުން، ޓެކްނޮލޮޖީގެ ފުޅާ އީޖާދުގެ ތެރެއަށްވަނުމާއި ކިޔަވައިދޭ ވަގުތު ކަނޑައެޅުން، އަދި އިންތިޒާމުތައް ރޭވުންވެސް އެ ޓެކްނޮލޮޖީގެ ތެރޭގައި ހިމެނި ކޮންމެ ވަގުތެއްގައިވެސް ކިޔެވުމުގެ މާޙައުލު ތަނަވަސް ކަމަކަށްވެފައެވެ.

ނަމަވެސް އަދި މިހިސާބުން އޮންލައިންކޮށް ކިޔަވައިދިނުން ނިމުމަކަށް އަތުވެދާނެ ކަމުގެ އިޝާރާތްތައް ފެންނަނީ ފަނޑުކޮންނެވެ. އެއީ ކޮވިޑް_19 ބަދަލުވަމުންދާ ޙާލަތާއިއެކު އާ ބިރުތަކެއް ކުރަމުން ދާތީއެވެ. ޑެލްޓާއަކާއި އޮމިކްރޯންއެއްގެ އިތުރުން ފްލޫރޯނާ ނަމަކަށްކިޔާ އާވޭރިއަންޓުތަކެއް ފެންނަން ފެށުމުންނެވެ. ވެކްސިންތަކަށް ނަހަލާ ވަރުގެ ބާރައި ވިހަގަދަކަން ދައްކާތީއެވެ.

އޮންލައިންކޮށް ކިޔަވައިދޭން ފެށުމުން ފެނިގެން ގޮސްފައިވާ ބައެއް ކަންކަމުގެ ތެރޭގައި މުދައްރިސުންނަށް ގެއިން ބޭރަށް ނުގޮސް ގޭގައި ތިބެގެން ކިޔަވައިދެވޭނެ ގޮތްތަށް ފަހިވުމާއި ދަރީން ދޫކޮށްފައި ސްކޫލްތަކަށް ނުވަތަ ޔުނިވަރސިޓީތަކަށްދާ ޓީޗަރުންނާއި އުސްތާޛުންނަށް އެމީހުންގެ ދަރީންގެ ގާތުގައި ތިބެގެން ކިޔަވައިދިނުމުގެ ފުރުޞަތު ލިބިގެން ދިއުން ހިމެނެއެވެ.

އެހެން ނަމަވެސް ބައެއް ބެލެނިވެރީންނަށް މިއީ ކޮންމެވެސް ވަރެއްގެ އިތުރު ބުރައަކަށްވެގެން ގޮސްފައިވެއެވެ. ޚާއްޞަކޮށް އިބްތިދާއީ މަރުޙަލާގެ ދަރިވަރުން ބަލައި ސްކޫލަށް ދާވަގުތު ސްކޫލްގެ ބޭރުގައި އޮންނަ އިޖުތިމާޢީ ބައްދަލުވުންތައް ނެތުމާއި ދަރީން ސްކޫލަށް ފޮނުވައިގެން ތިބޭ ވަގުތުތަކުގައި އެކުދީންނާއި މެދު ފިކުރެއްނެތި ތިބެންޖެހުން ހުއްޓުމަކަށް އައިސްފައިވެއެވެ.

އަދި ބައެއް ބެލެނިވެރީންނަށް ނުވަތަ މައިން ބަފައިންނަށް ލިބިގެންދިޔަ އަނެއް ކަމަކީ ސްކޫލަށް ނުދެވި އެކުދީންނަށް ގޭގައި ތިބެން ޖެހުމާއި އެކު ދަރީންގެ ކުދިކުދި ޝަކުވާތައް އަޑުއަހައި އެކުދީންގެ އެކިއެކި ބޭނުންތަކަށް ވަގުތުދޭން ޖެހުމެވެ.

މިބާވަތުގެ ބައެއް ކަންކަމަކީ ޢާންމު ދިރިއުޅުމުގައި އެންމެންގެވެސް ވަށައިގެން ހުންނަ ކަންކަމެވެ. ނަމަވެސް އެފަދަ ވާހަކަތައް ދެއްކުމާއި އަޑުއެހުމަކީ އެއްވެސް މީހަކު އެދޭކަމަކަށް ނުވެއެވެ. ސަބަބަކީ އެވާހަކަތަކުގެ ޙަޤީޤަތްތަކާއި ކުރިމަތިލާން ޖެހިލުންވުމެވެ. އެނގި ތިބެމެ އެކަމުގައި އެކަކު އަނެކަކަށް ލަޢުނަތްދިނުންފަދަ މުޖުތަމަޢުގެ ނޭދެވޭ ސިފަތަކުގައި ބަނދެވިގެން ތިބުމެވެ.

ކުޑަވުގުތުކޮޅަކަށް ޓީޗަރެއްގެ ވަޒީއާއިމެދު ވިސްނައިލަމާތޯއެވެ. އަދުގެ ޒުވާން ޖީލު އެވަޒީފާގައި ދެމިތިބުމަށް އެދިވަޑައިގަންނަވާނުތޯއެވެ. ނުވަތަ މިއަދުގެ ޒުވާނުންނަށް ޓީޗަރަކަށްވުމަށް އަދުގެ ޓީޗަރުން ހިތްވަރު ދެއްވާނަންތޯއެވެ؟

ބައެއްބޭފުޅުންގެ ޚިޔާލަކީ ނޫނެކެވެ. އެހެން ނަމަވެސް މިއީ މިހާފަސޭހައިން ދޫކޮށްލެވޭނެ ސުވާލެއްތޯއެވެ. ޤައުމު ބިނާކުރުމުގެ މަސްއޫލިއްޔަތު ކޮނޑުފުޅުގައި އަޅުއްވއިގެން އުޅުއްވާ ޓީޗަރަކު އެފަދައިން ވިދާޅުވުމަކީ ކުޑަކުޑަ ވާހަކައެއް ނޫނެވެ. އެއީ ވަރަށް ގިނަ އަދި ބޮޑު ވާހަކަތަކެކެވެ.

އެހެންކަމުން އަޅުގަނޑުމެން ބަލައިލީ ޓީޗަރުން ތަމްރީނުކުރައްވާ ތަޖުރިބާކާރު އުސްތާޒަކާއި ދިމާއަށެވެ.

އިނގިރޭސި ތަޢުލީމު ދެއްވުމުގެ ތަޖުރިބާކާރު ދިރަސާ ކުރައްވާ ޕްރޮފެސަރ ޕީޓަރ ސްމަގޮރިންސްކީ ވަނީ މިކަމާއި ގުޅޭގޮތުން ވަރަށް ގިނަ ވާހަކަ ދައްކަވައިފައެވެ. އޭނާއަކީ ޤަދަރުވެރި އުސްތާޒެކެވެ.

ޔުނިވަރސިޓީ އޮފް ޖޯރޖިއާގެ ލޭންގުއޭޖް އެންޑް ލިޓަރަސީ އެޑިއުކޭޝަނާއިބެހޭ އިދާރާގެ އިސްމަޤާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. 14 އަހަރުވަންދެން ކިޔަވައިދެއްވީ ނާރސަރީން ފެށިގެން 12 ވަނަ ގްރޭޑާއި ހިސާބަށެވެ. އޭގެ ފަހުން 30 އަހަރުވަންދެން ޔުނިވަރސިޓީތަކުގައި ޓީޗަރުންނަށް ކިޔަވައިދެއްވަން އުޅުއްވައިފައިވެއެވެ.

ފާއިތުވި އަހަރުވެސް ނިމެން ގާތްވަމުން ދަނިކޮށް 1994 ވަނައަހަރު ޔުނެސްކޯއިން ފަހަގަކުރަމުން ގެންދިޔަ މުދައްރިސުންގެ ދުވަސް ރާއްޖޭގައިވެސް ފާހަގަ ކުރެވުނެވެ. އެހެން ނަމަވެސް އެދުވަހުވެސް ޓީޗަރުން ތަމްރީނު ކުރުމާއި މުދައްރިސުން އުފެއްދުމުގެ ވާހަކަތަކެއް އަޑެއް ނީވެއެވެ.

ނަމަވެސް ރާއްޖޭގައި ކިޔަވައިދެއްވާނެ ޓީޗަރުން ނެތިގެން ޚާއްޞަކޮށް އަޅުގަނޑުމެންގެ ޘަޤާފަތާއި ދީން ކިޔަވައިދޭނެ ޓީޗަރުން ބޭރުން ގެންނަ ވާހަކަތަކެއް އަޑުއިވިގެން ދިޔައެވެ. ރާއްޖޭގައި އެކަށީގެންވާ ޓީޗަރުން ނެތުމުގެ ސަބަބުން ކަމަށް އަޑުތައް ފެތުރެމުންދިޔައެވެ. ސްކޫލްތައް ހިންގަވާ ފަރާތްތަކަށްވެސް މިއީ ޙައިރާން ކަމަކަށްވިއެވެ. އެހެންވީމާ ކިޔަވައިދޭނެ މުދައްރިސުން ބިނާކުރުމަށް ހިތްވަރު ދެވޭލެއް ކުޑަކަމަށް ބެލެވިދާނެ ބާވައެވެ.

މިސުވާލުތައް ގިނަފަހަރަށް ގުޅިފައިވަނީ ސްކޫލް ހުޅުވިފައި ހުންވަ ވަގުތާއި މުއްދަތާއި ކްލާހެއްގައި ކިޔަވައިދޭ ވަގުތާއި ހިސާބަށެވެ. ވަބާގެ އެންމެ އުނދަގޫ ދުވަސްވަރު ގޮތެއް ކަނޑައެޅުމުގައި ޓީޗަރުންނަށް ބައިވެރި ނުވެވުމާއި ޓީޗަރުންނާއި ބެލެނިވެރީންގެ މެދުގައި ދުރު ކަމެއް އުފެދިގެން ދިއުންފަދަކަން މިސުވާލައި ގުޅިފައިވެއެވެ.

ޓީޗަރުންނަށް އެބޭފުޅުން މަސައްކަތް ކުރައްވާ މާޙައުލުގެ މައްޗަށް ބާރެއް ނެތުމާއި ބައެއް ހިންގުންތެރީންގެ ކިބައިގައި ހުންނަ އިޙުތިރާމް ކުޑަކަމާއި އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާއިރު އެކަމާމެދު ކަންބޮޑުވުމެއްނެތް މީހުން މިހިރީ ހައްތަހާވެސް މި ސުވާލުތަކާއި ގުލީފައިވާ ކަންކަމެވެ. މީގެ އިތުރުން ޙަޤީޤަތުގެ ކުރިމަތީގައި ތަޢުލީމަކީވެސް ސިޔަސީ މަކުޑިއަކަށް ހެދުމާއި ތަޢުލީމާއި ޞިއްހަތުގެ ކުޑަވެސް ޢިލްމެއްނެތް ބޭފުޅުން ކަމުގެ ތެރެއަސް ވެދެވަޑައިގަތުމާއި އެނޫންވެސް ގޮންޖެހުންތައް މިކަމުގައި ޝާމިލްވެގެންދެއެވެ. އަދި މިފަދަ ލިޔުމެއްގައި ހިމަނައި ޢަދަދު ނުކުރެވޭވަރަސް ލިސްޓުކުރެވޭނެ ކަންކަން ހުންނާނެއެވެ.

މިއީ އަދި ހަމައެކަނި ޞިއްހީ ކާރިސާއެއްގައި ހުރި ކަންކަމެވެ.

ބައެއް ޤައުމުތަކުގައި ޓީޗަރުންނަށް އަދަބުދެވޭ ކަންކަން ވަރަށް މަދެވެ. ނުވަތަ ސަސްޕެންޑު ކުރުމާއި މުޅި ޢުމުރަށް އެކަމުން މަޙުރޫމް ކުރުމުގެ ބާރު ވެސް އޮވެއެވެ. ނަމަވެސް ބައެއް ޤައުމުތަކުގައި އެފަދަ އަދަބެއް ދިނުމުގެ ބަދަލުގައި އެފަދަ މީހުނަށް ކުރިއެރުން ދިނުމާއި އެވަރުގެ ބަޔަކު ނެތްކަމަށް ދައްކަން މަސައްކަތް ކުރެއެވެ. މިސާލަކަށް ތާރީޚަށް ބަލާއިރު އެމެރިކާގައި ނަސްލީ ތަފާތު ކުރުން އޮންނަކަން އެއީ ޙަޤީޤަތެކެވެ. ނަމަވެސް އެފަދަ ކަމެއްގެ ވާހަކަ ދަރިވަރެއްގެ ގާތުގައި ބުނެފިނަމަ އެ ޓީޗަރަކަށް އަދަބު ލިބެއެވެ. އެކަން ހާމަކުރުމާއި ދެކޮޅު ހެދުމަކީ އިދާރީ ލޮނު ހެޔޮވަރު ކޮށްލުމަކަށް ހަދައިފައިވެއެވެ. ނަމަވެސް ޙަޤީޤަތަކީ ނަސްލީ ތަފާތު އަދިވެސް އޮންނަ ކަމެވެ.

މުދައްރިސެއްގެ ޒިންމައަކީ ބޮޑު އެއްޗެކެވެ. ދަރީންގެ ތަރުބިއްޔަތާއި އެދަރީން ތަޢުލީމު ލިބިގަތުމުގެ އެންމެ ފުރަތަމަ ސަފުގައި ތިއްބެވީ ޓީޗަރުންނެވެ. އެއީ އަބަދުވެސް ޤައުމަށް އެންމެ މުހިންމު ރައުސުމާލެވެ. އެކަމަށްޓަކައި ދިވެހި ރާއްޖޭގައި މުދައްރިސުން ތަމްރީނުކުރާ މަރުކަޒެއްވެސް ހުރި ދުވަސްވަރެއް ދިޔައެވެ.

ނަމަވެސް މިއަދު އެފަދަ މުދައްރިސުން އުފެއްދުންވެސް ވިޔަފާރިއަކަށްވުމުން އެއިދަރާއަކީ ހުންނަންޖެހޭ ތަނަކަށް ނުވިއެވެ. އެކި އެކި ތަޢުލީމީ ވިޔަފާރި ހިޔާތަކަށް އެކަންވެސް ވަނީ ބަހައިލެވިފައެވެ. އެހެނެއްކަމަކު އެކަމަށް ހޭދަތަކެއް ކޮށްގެން ކުދީންގެ ހެޔޮ ވިސްނުމަށް އެހީތެރިވެދެއްވާނެ ބޭފުޅުން މަދުމަދުން ނަމަވެސް ނިކުމެވަޑައިގަންނަވާ ކަމީ އުފާކުރުން ޙައްޤުކަމެކެވެ. ކްލާސް ރޫމްތަކަށް ވައްދައިގެން ކިޔަވައި ދެއްވިޔަސް އޮންލައިންކޮށް ކިޔަވައި ދެއްވިޔަސް އެބޭފުޅުންނަކީ އަޅުގަނޑުމެން އިޙުތިރާމްކުރަން ޖެހޭނެ ބައެކެވެ. އުފައްދައި މުސްތަޤުބަލު ބިނާކުރުމުގެ ފުރަތަމަ ސަފަށް ނެރެން ޖެހޭނެ ބައެކެވެ.

ކަން މިހެން ހުރި ނަމަވެސް މިހާރު މިވަނީ ކުޑަކުދަ މާލެއެއް ވިޔަސް ކުޑަ އެހެން ރަށެއްވިޔަސް ފިތުރަތީ ގޮތުން ނުވަތަ ޤުދުރަތުން އުފެދިފައިވާ ވަރަށްވުރެ ބޮޑު ކޮށްފައެވެ. ސްކޫލްތައް ހުންނަ ހިސާބުތަކާއި ޢާންމުން ދިރިއުޅޭ ހިސާބުތަކުގެ މެދުގައި ދުރުމިންތަކެއް ހުންނަ ކަމަކީ ޙަޤީޤަތެކެވެ. އަދި ބައެއް ރަށްރަށުގެ އާބާދީ އޮންނަގޮތުން ދަރީންނަށް ތަޢުލީމުގެ މަތީ ހަރުފަތްތަކަށް އެރަށެއްގައި ނުގެންދެވޭގޮތްވެސް ވެއެވެ. އެހެންވީމާ އެފަދަ ރަށްރަށުގައި ޓީޗަރުން އުފެދުމާއި އެކަމަށް ޝައްޤުވެރިކަން އޮތުމާއިމެދު މީހުން ދެކޭ ގޮތްވެސް ބަލަން ޖެހެއެވެ. އެކަމުގައި ކަމާބެހޭ އިދާރާތަކާއި ތަޢުލީމުދޭ މުއައްސަސާތަކުން ވެސް ހޯދުންތައް ހޯދައި އެކަމަށް ކުރަންވީ މަސައްކަތްތައް ނާރެސް ކުރުމަށް ބާރުއަޅަން ޖެހެއެވެ. ގޭގައި ލޮކްޑައުންވެގެން ހުންނަ ކޮންމެ މީހަކީ އޮންލައިންކޮށް ކިޔަވައިދޭ މުދައްރިސެއް ކަމަށް ހެދިގެން އުޅުމުގެ ފުރުޞަތު ކުޑަކުރަން ޖެހެއެވެ. އޭގެ ބަދަލުގައި ކަމަށް ޤާބިލް ކިޔަވައިދެއްވުމުގެ ފާސް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ދާއިރާގެ ތެރެއަށް ނެރުން މުހިންމެވެ.

އެއީ އޮންލައިނާއި އިންޓަރނެޓަކީ ތަރައްޤީގެ ރޮނގުގައި ކިތަންމެ ކުރިއަރައިފައި އޮތް އެއްޗެއް ނަމަވެސް ކަމުގައި ހުރި ނުރައްކަލާއި ބިރު އިންތިހާއަށް ބޮޑެވެ. އެކަމަށްޓަކައި އުފައްދަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުވާނެ މަގުތައް ފަހިކުރަން ޖެހެއެވެ. މުދައްރިސުންނަކީ ޤައުމު އާރާސްތު ކުރުމުގެ ބިންގަލުގެ މަތީގައި ކެއްޗާއި ހިސާބަށް ސީދަލަށް އެބިންގާ އުފުއްލަވައިދެއްވަން ތިއްބެވި ބޭފުޅުންނެވެ.