ދިވެހިރާއްޖެއާ އިސްރާއީލާ ދެމެދު ގުޅުން ގާއިމްކުރަން އުޅޭކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެކަން ދޮގުކޮށްފިއެވެ.

ރާއްޖެ އާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ދެން އެންމެ އަވަހަށް ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރާނީ ދިވެހިރާއްޖެ އަދި ކޮމޯރޯސް އިން ކަމަށް އިސްރާއީލުގެ އެންމެ ބޮޑު އެއް ނޫސް ކަމުގައިވާ "ޓައިމްސް އޮފް އިސްރާއީލް" އިން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ބައެއް ނޫސްވެރިން ކުރި ސުވާލާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި އިސްރާއީލާ ގުޅުން ގާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ސަރުކާރުން ނުކުރާ ކަމަށެވެ.

އިޒްރާއީލާ ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އެންމެ ފުރަތަމަ ގާއިމްކުރީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. އެއަށްފަހު ރައީސް މައުމޫންގެ ވެރިކަމުގައި އެ ގުޅުން ބާތިލްކުރުމަށްފަހު އިސްރާއީލާއެކު އަލުން ގުޅުން ގާއިމްކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އަނެއްކާވެސް އިސްރާއީލާއި ރާއްޖޭގެ ގުޅުން ސަސްޕެންޑުކޮށް، އޭރުގެ ސަރުކާރުން ވަނީ އިސްރާއީލްގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެކުރުން މަނާވެސްކޮށްފައެވެ.

ރައީސް ސާލިހްގެ ސަރުކާރުން މީގެކުރިންވެސް އިސްރާއީލާ އެކު ގުޅުން ބަދަހިކުރަން މަޝްވަރާތައް ކުރިއަށްދާކަމުގެ ވާހަކަތައް 2020 ވަނަ އަހަރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ވަނީ އޭރުވެސް އެކަން ދޮގުކޮށްފައެވެ.

މީގެއިތުރުން، އިސްރާއީލާއި ރާއްޖެއާއި ދެމެދު ފުރަތަމަ ފަހަރަށް ފްލައިޓްގެ ސީދާ ދަތުރުތައް ފަށަން ނިންމައިފާވާކަމަށް ވޭތުވެ ދިޔަ އަހަރުގެ ޖޫން މަހު އަޑުފެތުރިފައިވެއެވެ. ނަމަވެސް، އެ ވާހަކަތަކަކީ ހަގީގަތާ ޚިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.