ކޮވިޑް ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް ދުނިޔޭގެ ގައުމުތަކުން އިތުރަށް ހަރުކަށިކޮށް ވަރުގަދަކުރަން ފަށައިފިއެވެ.
ގައުމުތަކުން ފިޔަވަޅުތައް ހަރުކަށިކުރަން މިފެށީ، ދުވާލެއްގެ މައްޗަށް ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ރެކޯޑް މިންވަރަކަށް މައްޗަށްދާން ފެށުމާ ގުޅިގެންނެވެ.
ކޮވިޑް ކޭސްތައް ގައުމުތަކުގައި އިތުރުވާން ފެށީ އަލަށް ފެނިގެންއުޅޭ އޮމިކްރޮން ވޭރިއެންޓުގެ ސަބަބުންނެވެ.
އޮމިކްރޮން ވޭރިއެންޓަކީ މީހުންގެ މެދުގައި ވަރަށް ހަލުވި ކަމާއެކު ބަލި ފަތުރާ ވޭރިއެންޓެކެވެ.
ކުރިން އެންމެ ގިނަ މީހުންނަށް ކޮވިޑްބަލި ޖައްސަމުންދިޔައީ ޑެލްޓާ ވޭރިއެންޓުން ނަމަވެސް، މިހާރު ބައެއް ގައުމުތަކުގައި ޑެލްޓާއަށްވުރެ އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ އަދަދުވަނީ މައްޗަށް ގޮސްފައެވެ.
އޮމިކްރޮން ހުއްޓުވަން ގައުމުތަކުން ފިޔަވަޅުތައް ހަރުކަށި ކުރަމުންދާއިރު، އޭޝިޔާއިން ތައިލެންޑުން މިހާރުވަނީ އެލަޓް ލެވެލް މަތިކޮށްފައެވެ.
ނަތީޖާއެއްގެގޮތުން، އޮމިކްރޮންގެ ރިސްކްބޮޑު ސަރަހައްދުތައް ބަންދުކުރުމާއި، ދަތުރު ފަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބާރު އޮފިޝަލުންނަށް ލިބިދޭނެއެވެ.
އޮސްޓްރޭލިއާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވާއިރު، ޖަޕާނުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގައި ފިޔަވަޅުތައް ހަރުކަށިކުރަން ޖަޕާނު ސަރުކާރުންވަނީ އެމެރިކާގައި އެދިފައެވެ.
ޗައިނާގެ ސަރަހައްދެއް ކަމަށްވާ މަކާއޮއިން ބައިނަލްއަގްވާމީ ހުރިހާ ފްލައިޓް ދަތުރުތައް ކެންސަލް ކޮށްފައިވާއިރު، ޗައިނާގެ ހެނާންގައި ކޭސްތައް މަތިވެ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވެއެވެ. ޗައިނާގެ މެދުތެރޭ ސިޓީތަކުގައިވެސް ގެންދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.
ކޮވިޑް ފެތުރުން ހުއްޓުވަން ފަރަންސޭސި ސަރުކާރުން އަލަށް އަޅަން ނިންމި ފިޔަވަޅުތައް އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފައި ވާއިރު، އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ތަންތާނގެ އެތެރޭގައި އުޅޭއިރު މާސްކް އަޅަން މިއަދުން ފެށިގެންވަނީ މަޖުބޫރު ކޮށްފައެވެ.
އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ އަދަދު މަތިވެ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތައްވެސް އިންތިހާއަށް މައްޗަށްދާ ކަމަށް ގައުމުތަކުން ރިޕޯޓްކުރެއެވެ.
އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ އަދަދުތައް ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމާއި، ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތައް މަތިވަމުންދިޔަ ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިހަށްދުވަހު ބުނެފައިވަނީ، އޮމިކްރޮން ވޭރިއެންޓުން ކޮވިޑްޖެހޭ މީހުންގެ ކިބައިން ފެންނަނީ ލުއި އަލާމާތްތަކެއް ކަމުގެ އިތުރު ހެކިތަކެއް ލިބިފައިވާ ކަމަށެވެ.
އޮމިކްރޮންއަކީ ކުރިން ފެނިފައިވާ ވޭރިއެންޓްތަކަށްވުރެ ނުރައްކާ ވޭރިއެންޓެއް ނޫންކަމަށް ސައިންސްވެރިންވެސް ގެންދަނީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ބުނަމުންނެވެ.
އޮމިކްރޮންއަކީ ވަރަށް ހަލުވިކަމާއެކު ބަލިފަތުރާ ވޭރިއެންޓެއްކަމުން، ދުނިޔޭގައި އެންމެ ގިނަ ބަޔަކަށް ކޮވިޑްޖެހޭ ވޭރިއެންޓަކަށް އޮމިކްރޮން ވެގެން ހިނގައިދާނެ ކަމަށާއި، މިއީ، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ނުޖަހާހުރި ގައުމުތަކަށް އޮތް ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.