އިންޑިއާގެ ބޮޑެތި ރަށްތަކުގައި އޮމިކްރޮން ވޭރިއެންޓް ވަރަށް ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ.

އެގޮތުން، އޮމިކްރޮން ވޭރިއެންޓްގެ ކޭސްތައް ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއާއި، ކަލްކަތާގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ނިއުދިއްލީ، މުމްބާއީ، ކަލްކަތާގެ އިތުރުން، ޗެންނާއީއާއި، ބެންގަލޫރުގެ ހާލަތާމެދުވެސް ކަންބޮޑުވާކަން އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދުތައް މަދުނަމަވެސް، މި ވޭރިއެންޓް ރަށްފުށުގެ ހިސާބުތަކަށް ފެތުރިގެންގޮސް ކޮންޓްރޯލް ނުވާ ހިސާބަށް ހިނގައިދާނެތީ މައިސަރުކާރާއި އަދި ސްޓޭޓް ސަރުކާރުތަކުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ ރަށްފުށުގެ ހިސާބުތަކުގައި ދެވޭ ސިއްހީ ޚިދުމަތުގެ ނިކަމެތިކަމުންނެވެ.

ވެސްޓް ބެންގޯލް ސްޓޭޓްގެ އެންމެ އެންމެބޮޑު ސިޓީކަމަށް ކަލްކަތާގެ އާބާދީއަކީ 15 މިލިއަނެވެ. މުޅި ސްޓޭޓުން އަލަށް ޕޮޒިޓިވްވާ މީހުންގެ ދެބައިކުޅަ އެއްބައި ނިސްބަތްވަނީ އެ ސިޓީއަށެވެ.

މިއަދު އެކަނިވެސް އިންޑިއާއިން 90،928 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވް ވިއިރު، އޭގެތެރެއިން އެންމެ ގިނަމީހުން ނިސްބަތްވަނީ ވެސްޓް ބެންގޯލް ސްޓޭޓަށެވެ.

އިންޑިއާގެ ގިނަ ސިޓީތަކުގައި ޑެލްޓާ ފަހަނައަޅައި މިހާރު އެންމެ ގިނަމީހުންނަށް ބަލިޖެހެނީ އޮމިކްރޮން ވޭރިއެންޓުންނެވެ.

އެހެން ނަމަވެސް، ބަލިޖެހޭ ގިނަ މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނި ގޭގައި ތިބެ ރަނގަޅުވާ ކަމަށާއި، އަލާމަތް ފެނުނަސް ބައެއް މީހުންގެ ކިބައިން ފެންނަނީ ލުއި އަލާމާތްތައް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް، ބަލީގެ އަލާމާތް ނުފެނުނަސް އަދި ފެންނަ އަލާމާތްތައް ލުއިނަމަވެސް، ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން ދިއުމަކީ ސިއްހީ ޚިދުމަތް ދިނުމުގެ ނިޒާމަށް ބޮޑެތި ލޮޅުންތައް އަރައިފާނޭ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީންވަނީ ދީފައެވެ.

އިންޑިއާއިން މިހާތަނަށް 2،135 އޮމިކްރޮން ކޭސް ފެނިފައި ވާއިރު، އޮމިކްރޮން ވޭރިއެންޓުން ބަލިޖެހުނު އެކަކު މަރުވެފައި ވެއެވެ.

ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ އިންޑިއާގެ ސިޓީތަކުން މިހާރުދަނީ ހަރުކަށި އެތައް ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ.

ބައެއް ސިޓީތަކުން ސްކޫލްތައް ބަންދުކޮށްފައިވާއިރު، ކާފިއު ހިންގުމާއި، ހަފްތާ ބަންދަށް ލޮކްޑައުން ކުރުމަށްވެސް ސިޓީތަކުން ނިންމާފައި ވެއެވެ.

ސިޓީތަކާއި ސްޓޭޓްތަކުން ފިޔަވަޅު އެޅިނަމަވެސް، ކުރިއަށްއޮތް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ސިޔާސީ އެއްވުންތައް އެތައް ސްޓޭޓެއްގައި ބާއްވަމުން އެބަގެންދެއެވެ.

ކޮވިޑްގެ ދެވަނަ ރާޅާ އިންޑިއާ ކުރިމަތިލާން ޖެހުނީވެސް މިފަދަ ސިޔާސީ އެއްވުންތަކާ ހެދި ކަމުން، ސިއްހީ އޮފިޝަލުން މިހާރު ގެންދަވަނީ ކެމްޕެއިން އެއްވުންތައް ހުއްޓުވަން އިންޑިއާގެ އިލެކްޝަން ކޮމިޝަނާ މަޝްވަރާ ކުރަމުންނެވެ.