ޕީސީއާރ ޓެސްޓިންގ މިންގަނޑުތަކާ ހިލާފުވެގެން ފަތުރުވެރިންނަށް ހިދުމަތް ދޭ ޓޫރިސްޓް އުޅަނދަކަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދޫކޮށްފައިވާ ހުއްދަވަނީ ވަގުތީ ގޮތުން ހިފާހައްޓާއިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނަށް އަންގާ މުއައްސަސާގެ ލިސްޓުން، މިހާރު އެއުޅަނދުގެ ނަން އުނިކުރެވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. އެހެންނަމަވެސް އެއީ ކޮން އުޅަނދެއްކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މިންސްޓްރީން ބުނީ އެ އުޅަނދަށް އަލުން ހުއްދަ ދެވޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ "ޕަބްލިކް ހެލްތް އިންޓަރވެންޝަން ޓު ޕްރިވެންޓް" ކޯވިޑް-19 ޓްރާންމިޝަން އިން ދަ ޓޫރިޒަމް ސެކްޓަރ (ވާރޝަން:04) ގައިޑްލައިންގައި ކަނޑައަޅާފައިވާ މިނގަނޑުތަކާއި އެއްގޮތަށް ޓޫރިސްޓް އުޅަނދުގެ ކަންތައްތައް ހުރިކަމަށް މިނިސްޓްރީން ބަލައި ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ.

އަދި މިދުވަސްވަރަކީ ދުނިޔޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ، ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ފަތުރުވެރިންނާއި އާއްމުންނަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެއްވާ އެއްބާރުލުމަށް އިންޑަސްޓްރީގެ ފަރާތްތަކަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.