ށ. އަތޮޅު މަރޮށީގައި މިސަރުކާރުން އަޅާދިން ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި، އެ އަތޮޅު ކޮމަންޑޫގައި ބޮޑު ފުޓުބޯޅަ ދަނޑެއް އަޅާދޭން ނިންމާފައިވާކަން ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި މަރޮށީގައި އެރަށި ކައުންސިލާއި ހަވާލުކޮށްގެން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި މިމަހުގެ 15 ވަނަ ދުވަހު އެ ދަނޑު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިދަނޑު ރަސްމީކޮށް ހުޅުވާނީ އެއް ދުވަހަށް ދިގުދެމިގެންދާ "ވަން ޑޭ ކަޕް" އަކުންކަންވެސް މިނިސްޓަރ ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ފާއިތުވީ 30 އަހަރެއްހާ ދުވަހު ކޮމަންޑޫ ރައްޔިތުން ކުރަމުން އައި އިންތިޒާރަކަށް ނިމުން އައިސްފައިވާކަންވެސް މިނިސްޓަރ މަހްލޫފް ވަނީ ހާމަކުރައްވާފައެވެ. އެއީ އެރަށުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށޭނެކަން މިނިސްޓަރ އިއުލާންކުރުމުންނެވެ. މިދަނޑަކީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އަޅާ ދަނޑެކެވެ.

މިސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި އަތޮޅުތެރޭގައި ފެންވަރު ރަނގަޅު 100 ފުޓުބޯޅަ ދަނޑު އެޅުމަށް އަމާޒު ހިފާފައިވާއިރު މިހާތަނަށް 21 ރަށެއްގައި މިކަން ކޮށްފައިވެއެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެންމެފަހުން ހުޅުވި ދަނޑަކީ ނ. ހޮޅުދޫގައި 5 ޖެނުއަރީ 2021 ގައި ރަސްމީކޮށް ހުޅުވި ދަނޑެވެ. މިދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ، ދަނޑު ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.