އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އިން މިއަދު ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއެކު 7 މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވީނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައިކަމަށެވެ.

އިދިކޮޅުން މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި، ނަރީޝްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމައިލާއި، މާލެ ސިޓީ ކައުންސިލަރު އަހްމަދު އައިފާން އާއި ޕީޕީއެމްގެ މެންބަރަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލައި އިދިކޮޅުން ބާއްވަމުން އަންނަ ސިލްސިލާ ހަރަކާތުގެ ތެރެއިން އިއްޔެވެސް ޖުމްލަ 11 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އެމީހުން ދޫކޮށްލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ބާއްވާ ހަރަކާތްތަކަށް މީގެކުރިންވެސް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. މީގެއިތުރުން، އިއްގެ މުޒާހަރާގެ ތެރެއިން ޒުވާން އަންހެން ކުއްޖަކު ހައްޔަރުކުރިއިރު، އޭނާ ހައްޔަރުކުރުމުގައި 5 ފިރިހެން އޮފިސަރުން ހަރަކާތްތެރިވެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އެކަމަށް އަމާޒުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތުމާއެކު އިތުރަށް ވަނީ ފުޅާ ކޮށްފައެވެ.

އިދިކޮޅުގެ މި ހަރަކާތަކީ، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާއި ދެކޮޅަށް އިދިކޮޅުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.