އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށް ރާއްޖެއިން ނިންމައިފިއެވެ.

މިކަން ހާމަވެފައިވަނީ އޭއެފްސީން މިއަދު ނެރުނު ފުޓްސަލް މުބާރާތުގެ ގުރުއަތުލުމުގެ ސެން ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ ރާއްޖެވެސް ހިމަނާފައި އޮތުމުންނެވެ.

ރާއްޖެ ހިމެނެނީ ކޮލިފައިންގެ ސެންޓްރަލް އެންޑް ސައުތް ޒޯނުގެ ގްރޫޕް އޭގައެވެ. ރާއްޖޭގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނެނީ އީރާން އާއި ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ. އީރާން އަކީ އެންމެފަހުގެ ޗެމްޕިއަން އެވެ.

މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލް އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ޒޯނުގެ ކޮންމެ ގްރޫޕަކުން ދެ ޓީމު މުބާރާތަށް ހޮވޭނެ އެވެ. މިހާރު އޮތްގޮތުން ކޮލިފައިން ކުޅޭނެ ތާރީހަކީ އޭޕްރީލް 1-15 އަށެވެ. އޭއެފްސީން މިހާތަނަށް އިއުލާނުކޮށްފައިވަނީ ވެސްޓް ޒޯން ހޯސްޓްކުރާނެ ގައުމެކެވެ. ވެސްޓް ޒޯން ހޯސްޓްކުރާނީ ޔޫއޭއީގަ އެވެ. މިހާރު އޮތްގޮތުން ރާއްޖެ ހިމެނޭ ޒޯންގެ މެޗުތައް ހޯސްޓް ކުރަން ނިންމާފައިވަނީ ކިރްގިސްތާނުގަ އެވެ.

އޭއެފްސީގެ ފުޓްސަލް އޭޝިއަން ކަޕް އޮންނާނީ މި އަހަރުގެ 25 ސެޕްޓެމްބަރާއި 20 އޮކްޓޫބަރާ ދެމެދު ކުވޭތުގަ އެވެ. މުބާރާތަށް ކޮލިފައިން އިން ހޮވޭނީ 15 ޓީމެވެ.

ފުޓްސަލްގެ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެއިން އެންމެފަހުން ވާދަކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އެއީ އެއަހަރު ތުރުކުމެނިސްތާނުގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕުގައެވެ. ރާއްޖެ އެ މުބާރާތް ނިންމާލީ ރާއްޖެ ހިމެނުނު ގްރޫޕްގެ ފުލުގައެވެ.

ރާއްޖޭގައި އެންމެ ބޮޑު މަގުބޫލުކަމެއް މިހާރު ހޯދާފައިވާ ކުޅިވަރަކީ ފުޓްސަލްއެވެ. އެގޮތުން ތަފާތު ނަންނަމުގައި އެކި ދުވަސްވަރުގައި، ބޮޑެތި ފައިސާގެ އިނާމުތަކާއެކު ގިނަ މުބާރާތްތަކެއް އަންނަނީ ބައިވެރިވަމުންނެވެ. އަދި ރާއްޖޭގައި ފުޓްސަލް އަށް އަހުލުވެރި ގިނަ ޒުވާނުންތަކެއް އުޅޭއިރު، މި ކުޅިވަރުން ކާމިޔާބީ ހޯދޭނެވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއްވެސް އެބަތިއްބެވެ.

އެހެންނަމަވެސް ހަގީގަތުގައި މި ކުޅިވަރުގެ ބެލެނިވެރި ފަރާތެއް ރާއްޖޭގައި ނެތްއިރު މިހާތަނަށް ފުޓްސަލްގެ ބައެއް ކަންތައްތަކުގައި ޒިންމާ ވަނީ ފުޓުބޯޅަ އެސޯސިއޭޝަނުންނެވެ.