ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން "އިންޑިއާ އައުޓް" ޓީޝާޓުތަކާއި ދިދަތަކުގައި ދިވެހިން ލިޔުމަށް ފުލުހުން އަންގާފައި ނުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސުން ބުނެފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން "އިންޑިއާ އައުޓް" ޓީޝާޓުތަކާއި ދިދަތަކުގައި ދިވެހިން ލިޔުމަށް ފުލުހުން އެންގިކަމަށް ހާމަކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދެވެ.
ހީނާ ވަނީ "ފުލުހުން އަންގަނީ އިންޑިއާ އައުޓް ޓީޝާޓް ލައިގެން ނުތިބެވޭނެ ކަމަށް. އަދި އިންޑިއާ އައުޓް ދިވެހިން ލިޔުމަށް" ފުލުހުން އެދޭކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގަައި ތިބި އިންޑިއާ ސިފައިން ބޭލުމަަށް ގޮވާލާ ޕީޕީއެމް އާއި ޕީއެންސީން ގެންދަނީ ސިލްސިލާކޮށް އިހުތިޖާޖުތައް ކުރަމުންނެވެ.
އިދިކޮޅުގެ ސަޕޯޓަރުން ކުރިއަށް ގެންދާ މަގުމަތީގެ ހަރަކާތްތަކާއި އެ ނޫން އެއްވުންތަކުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ރަތް ކުލައިގެ ޓީޝާޓެއް އަންނަނީ ބޭނުން ކުރަމުންނެވެ.
މި އެއްވުންތަކާއި ހަރަކާތްތައް ހުއްޓުވަން މަސައްކަތްކުރާ ފުލުހުން އާންމުންނަށް "އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ލައިގެން ނުތިބުމަށް އަންގަމުންދާކަމަށް ބުނާ ވާހަަކަތަކެއްވެސް އަންނަނީ އެކި ނޫސްތަކުގައި ފެންމަތިވަމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް ފުލުހުން އަންގާފައި ނުވާނެ ކަމަށެވެ. އިދިކޮޅުން ކުރަމުން ގެންދާ ތުހުމަތުތަކީ ދޮގެއް ކަމަށާއި އެއީ ބަޔަކު ފަތުރަމުންދާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފެށްޓެވި ހަރަކާތެކެވެ. އަދި މިހަރަކާތް ވަނީ ރައީސް ޔާމިން މިނިވަންވުމާއި އެކީ އިތުރަށް ފުޅާކޮށްފައެވެ.
އެގޮތުން މިހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.