ހަމަނުޖެހުން ހިންގާ މީހުންގެ ގަޔަށް އެއްވެސް އިންޒާރަކާ ނުލާ ބަޑިޖަހަން ކަޒަކްސްތާނުގެ ރައީސް ކާސިމް ޖޮމާޓް-ޓޮކަޔޭވް އެގައުމުގެ ސިފައިންނަށް އަމުރު ކުރައްވައިފިއެވެ.

ކަޒަކްސްތާނުގެ ރައީސް މިކަމަށް އަމުރު މިކުރެއްވީ، ކަޒަކްސްތާނުގެ އެންމެ ބޮޑު ރަށް ކަމަށްވާ އަލްމާޓީގައި އަލުން ހަމަނުޖެހުންތައް ފެށުމާ ގުޅިގެންނެވެ.

ކަޒަކްސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހަފްތާއެއް ވެފައިވާއިރު، މި ހަމަނުޖެހުންތަކުގައި މިހާތަނަށް އާންމުންގެ 26 މީހުންނާއި، ފުލުހުންގެ 18 މީހުން މަރުވެފައި ވެއެވެ.

ސަލާމަތީ ބާރުތަކުން މިހާތަނަށް 3،000 އަށްވުރެ ގިނަމީހުން ހައްޔަރު ކޮށްފައި ވެއެވެ.

ކަޒަކްސްތާނު ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ، ކުރިމަތިލުންތަކުގައި މަރުވެފައިވާ އާންމުންނަކީ "ހަތިޔާރުއެޅި މުޖުރިމުން" ކަމަށެވެ.

ހަމަނުޖެހުންތައް ކޮންމެވެސް ވަރަކަށް މައިތިރި ވުމަށްފަހު މިއަދު ހެނދުނުން ފެށިގެން އަލްމާޓީގައި މީހުން އެއްވާ އެންމެބޮޑު މައިދާނުން މިއަދު ހެނދުނުން ފެށިގެން ބަޑީގެ އަޑުފަށްގަނޑު އިވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު މި މައިދާނުގައި އިއްޔެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ.

ޓީވީ މެދުވެރިކޮށް މިއަދު ހެނދުނު ގައުމާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ކަޒަކްސްތާނުގެ ރައީސް ކާސިމް ކާސިމް ޖޮމާޓް-ޓޮކަޔޭވް ވަނީ، ގައުމުގައި އިތުރަށް ހަމަނުޖެހުން ހިންގާނަމަ އެކަންކުރާ އެންމެން "ނައްތާލެވޭނެ" ކަމަށް އިންޒާރު ކުރައްވާފައެވެ.

ކާސިމްވަނީ، ހަމަޖެހުން ހިންގާ އެންމެން އަމާންދިނުމަށާއި، އަމާންނުދޭ އެންމެން "ނައްތާލެވޭނެ" ކަމަށް ވިދާޅުވެފައެވެ.

ރައީސް ކާސިމްވަނީ، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އެއީ، އޭނާގެ އެދުމަށް ކަޒަކްސްތާނުގައި ސުލްހަ ގާއިމްކުރުމަށް ރަޝިޔާއިން ސިފައިން ފޮނުވައިދިނުމުންނެވެ.

ކަޒަކްސްތާނުގެ ރައީސް ކާސިމް ޖޮމާޓް-ޓޮކަޔޭވް:

ކަޒަކްސްތާނުގެ އާންމުން މިދިޔަ ހަފްތާގައި އެންމެ ފުރަތަމަ މަގުތަކަށް ނުކުތީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑު އުފުލުމަށެވެ.

ނަމަވެސް، ފަހުން މިކަން ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ބަދަލުވެ، މުޒާހަރާގެ ތެރެއިން ބަޔަކުވަނީ އަލްމާޓީގައި ހުންނަ ސަރުކާރުގެ އިމާރާތްތަކާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން އަލްމާޓީންވަނީ އިންޓަރނެޓުގެ ޚިދުމަތް ކަނޑާލާފައެވެ. މިކަމުގެ ސަބަބުން އެ ރަށުގައި ހިނގަމުންދާ ކަންތައްތަކުގެ މާގިނަ މައުލޫމާތުތަކެއް ނުލިބޭކަން މީޑިއާއިން ފާހަގަކުރެއެވެ.

ސޯވިއެޓް އިއްތިހާދުން މީގެ ތިރީހަކަށް އަހަރުކުރިން މިނިވަންވި ކަޒަކްސްތާނުގައި މުޒާހަރާކުރުމަކީ ނާދިރު ފަހަރެއްގައި މެނުވީ ފެންނަ މަންޒަރެއް ނޫނެވެ.