އިދިކޮޅުން އިންތިޒާމްކޮށްގެން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަށް ހުރަސްއަޅައި، ހަރަކާތުގެ ބައިވެރިން ހައްޔަރުކުރަނީ ސަރުކާރުން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުގެ ސަބަބުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ބާއްވަމުން އަންނަ ސުލްހަވެރި އިހުތިޖާޖުތަކަށް ހުރަސްއަޅައި، ހަރަކާތުގެ ބައިވެރިން ހައްޔަރުކޮށްފައިވާތީ، ފުލުހުންގެ އެއަމަލު ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އިއްޔެ ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަރަށް އަނިޔާވެރިކަމާއެކު 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެކަން ކޮށްފައިވަނީ ސުލްހަވެރިކަމާއެކު އަޑު އުފުލަމުން ދަނިކޮށް "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށާއި، އެ އިބާރާތް ޖަހާފައިވާ ޓީޝާޓްގައިވެސް އަޑު ނުއުފުލޭނެ ކަމަށް ބުނެ ކަމަށެވެ.

ހިޔާލުފާލުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެއްކަން ފާހަގަކޮށް އިދިކޮޅުން ބުނީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން ނުކުމެ އަޑުއުފުލުމުން، އަނިޔާވެރިކަމާއެކު އެފަރާތްތައް ހައްޔަރުކޮށް ފުލުހުންނަށް އަންގާ ޣައިރުގާނޫނީ އެންގުންތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށްވެސް އެއްވެސް ބެލުމެއްނެތި ހިފާ ހައްޔަރުކޮށް، ފިރިހެން ފުލުހުން ފޮނުވައި އަންހެނުން ހިފާ ހައްޔަރުކޮށް އެފަދަ ނޭދެވޭ އަމަލުތައް ހިންގުމަކީ މިސަރުކާރު އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުގެ ސަބަބުން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

މީގެއިތުރުން، އިހްތިޖާޖުގެ ތެރެއިން މީހުން ހިފާ ހައްޔަރު ކުރުމުގައި އެއްވެސް ހަމައެއް އުސޫލެއް ނެތްކަމާއި ހައްޔަރުކޮށް ގެންގޮސް އެތައް ގަޑިއިރެއް ވަންދެން ފުލުހުންގެ ބަންދުގައި ބައިތިއްބައި ސަރުކާރުގެ އޯޑަރަށް ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރާއްޖޭ ތަހުގީގީ އިދާރާތަކަށް މިނިވަންކަމާއެކު އެކަން ތަހުގީގު ކުރުމަށްވެސް ގޮވާލާފައެވެ.

އަދި، ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަޑުއުފުލާ ރައްޔިތުންނަށް އަނިޔާވެރި ނުވުމަށާއި، ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް ސަރުކާރަށް ގޮވާލާ، އިދިކޮޅުން ބުނީ އިންޑިއާގެ ބާރާއި ނުފޫޒުގެ ތެރެއަށް ގައުމުގެ މިނިވަންކަން ވައްޓާލާފައިވާތީ އެކަމާ ދެކޮޅަށް އެކޯލިޝަނުން ހިންގާ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.