އިނގިރޭސިލާތުގައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވެ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވުމާ ގުޅިގެން، ހޮސްޕިޓަލްތަކަށް އެހީތެރިވުމަށް އިނގިރޭސި ސަރުކާރުން ސިފައިން ނެރެން ފަށައިފިއެވެ.

އިނގިރޭސި ދިފާއީ ވުޒާރާއިން ހުކުރު ދުވަހު ބުނީ، ޚާއްސަކޮށް ސްޓާފުން މަދު ހޮސްޕިޓަލްތަކަށާއި، އަދި ބަލިމީހުން ގިނަވެ ބާރު ބޮޑުވެފައިވާ ހޮސްޕިޓަލްތަކަށް އެހީތެރިވުމަށް ސިފައިން ނެރެން ފަށާފައިވާ ކަމަށެވެ.

ކުރިއަށްއޮތް ތިން ހަފްތާގައި ލަންޑަންގެ ނޭޝަނަލް ހެލްތު ސަރވިސްއަށް އެހީތެރިވުމަށް 200 ސިފައިންގެ ފައުޖެއް ރުކުރުވާލާފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން އިނގިރޭސިވިލާތުގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވެއެވެ.

ވޭތުވެދިޔަ ހަފްތާތެރޭގައި އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް 150،000 މީހުން އަލަށް ޕޮޒިޓިވްވަމުން ގޮސްފައި ވެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ، ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވެގެން ދިޔަ ނަމަވެސް އިތުރު އައު ފިޔަވަޅުތަކެއް އިންގްލެންޑްގައި ނާޅައި ފަރުޖެއްސޭނެ ކަމަށެވެ. އެއީ، ވެކްސިން ޖަހާފައިވާ މީހުން ގިނަވުމާއި އަދި އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ ބަލީގެ ހާލަތު މާބޮޑަށް ގޯސްވެގެން ނުދާތީއެވެ.

އެހެން ނަމަވެސް، ކުރިއަށްއޮތް ހަފްފާތަކުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބޮޑުވަޒީރު އިންޒާރު ކުރައްވާފައި ވެއެވެ. އެއީ، ބަލީގެ ސަބަބުން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސްޓާފުން އައިސޮލޭޓްވާން ޖެހުމުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާނެމީހުން މަދުވެގެންނެވެ.

ސްޓާފުން މަދު ހޮސްޕިޓަލްތަކަށާއި، ބާރުބޮޑުވެފައިވާ ހޮސްޕިޓަލްތަކަށް ސަރުކާރުން ސިފައިން ނެރުނުއިރު، ކޮވިޑްގެ ޓެސްޓުތައް ހެދުމާއި ވެކްސިން ޖެހުމުގެ ޕްރޮގްރާމަށްވެސް އިނގިރޭސި ސިފައިން ގެންދަނީ އެހީތެރިވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޮމިކްރޮން ވޭރިއެންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވެގެން ދިއުމުގެ ކުރިންވެސް ސަރުކާރުގެ ހޮސްޕިޓަލްތަކަށް ސްޓާފުން މަދުވުމުގެ މައްސަލަ އޮތީ ކުރިމަތިވެފައެވެ.