އެޕްލިކޭޝަނެއް ހަދައިގެން މުސްލިމް އަންހެނުން "ވިއްކަން" އިއުލާންކުރި މައްސަލާގައި އިންޑިއާ ފުލުހުން ހަތަރުވަނަ މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލާގައި އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ އެޕްލިކޭޝަން ހެދިކަމަށް ތުހުމަތު ކުރެވޭ އުމުރުން 20 އަހަރުގެ ނީރާޖް ބިޝްނޯއި ނަމަކަށްކިޔާ މީހެކެވެ.

ދިއްލީ ޕޮލިސްގެ ސައިބަރ ކްރައިމްސް ޔުނިޓުން އޭނާ ހައްޔަރު ކޮށްފައިވަނީ އާސާމް ސްޓޭޓުންނެވެ.

އޭނާވަނީ، 100 އަށްވުރެ ގިނަ މުސްލިމް އަންހެނުންގެ ފޮޓޯ އެޕްލިކޭޝަނަށް ލައި "ވިއްކަން" އިއުލާންކޮށްފައެވެ. ފޮޓޯތައް ނަގާފައިވަނީ އެ އަންހެނުންގެ ސޯޝަލް މީޑިއާ ޕްރޮފައިލްތަކުންނެވެ.

ފުލުހުން ބުނެފައިވަނީ، ނީރާޖް ބިޝްނޯއިވަނީ އޭނާގެ ނަމުގައި ހަދާފައިވާ ޓްވިޓަރ އެކައުންޓުންވެސް، އެޕްލިކޭޝަނަށް ލާފައިވާ މުސްލިމް އަންހެނުންގެ ފޮޓޯތައް ޓްވީޓްކޮށްފައި ކަމަށެވެ.

އެޕްލިކޭޝަން ހަދާފައިވަނީ “Bulli Bai” ގެ ނަމުގައެވެ. މި އެޕްލިކޭޝަން ހޯސްޓްކޮށްފައިވަނީ "ގިޓްހަބް" ގައެވެ.

ނަމަވެސް، މައްސަލަ ހޫނުވެ ފަހުން ގިޓްހަބުންވަނީ އެ އެޕްލިކޭޝަން ނަގާފައެވެ.

އެޕްލިކޭޝަން ހެދިމީހާ ހައްޔަކުރިއިރު، މުމްބާއީ ފުލުހުންވަނީ، ހަމަ މިމައްސަލާގައި މިހަފްތާގެ ކުރީކޮޅު 3 މީހަކު ހައްޔަރު ކޮށްފައެވެ.

ހައްޔަރުކޮށްފައިވަނީ، ބެންގަލޫރުގައި އިންޖިނިއަރިން ކިޔަވާ، އުމުރުން 21 އަހަރުގެ ވިޝާލް ކުމާރުއާއި، އުމުރުން 18 އަހަރުގެ ޝްވެތާ ސިންގުގެ އިތުރުން، އުތުރުގެ އުއްތަރަޚަންދް ސްޓޭޓުން އުމުރުން 21 އަހަރުގެ މާޔަންކް ރާވަޓްއެވެ.

މިއީ، އިންޑިއާގައި މިފަހުން މުސްލިމް އަންހުންގެ ފޮޓޯޖަހައި، ނީލަމުގެ އުސޫލުން އެމީހުން "ވިއްކަން" އިއުލާންކުރި ދެވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ ޖުލައިމަހުވެސް “Sulli Deals” ގެ ނަމުގައި ހަދާފައިވާ އެޕްލިކޭޝަނަކާއި، ވެބްސައިޓަކުން 80 އަށްވުރެ ގިނަ މުސްލިމް އަންހެނުންގެ ފޮޓޯ ބޭނުންކޮށްގެން ޕްރޮފައިލް ހަދައި، އެމީހުން ވިއްކަން މަސައްކަތް ކޮށްފައި ވެއެވެ.

މިމައްސަލައިގެ ތަހްގީގު އިންޑިއާ ފުލުހުން ފެށިނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އެންމެފަހުން އެޕްލިކޭޝަނެއް ހަދައިގެން މުސްލިމް އަންހެނުން "ވިއްކަން" އިއުލާންކުރި މައްސަލާގެ ޝަކުވާ އުފުލައިގެން އިންޑިއާގެ 3 ސްޓޭޓެއްގައި ފުލުހުން މައްސަލަ ތަހްގީގު ކުރަން ފަށާފައި ވެއެވެ.

މުމްބާއީ ފުލުހުންގެ ކޮމިޝަނަރ ހެމަންތު ނާގްރާލް ވިދާޅުވީ، މުސްލިމް އަންހެނުންތަކެއް ވިއްކަން ކުރިން އިއުލާން ކުރުމާއި، މިފަހަރު އިއުލާންކުރުމާ ގުޅުމެއް ހުރިކަމެއް އަދި ތަހްގީގަށް ފާހަގަވެފައި ނުވާކަމަށެވެ.

ނީލަމުގެ އުސޫލުން ވިއްކަން އިއުލާންކުރި މުސްލިމް އަންހެނުންގެ ތެރޭގައި، ނޫސްވެރިންނާއި، ބޮލީވުޑްގެ ތަރިއަކާއި، އުމުރުން 65 އަހަރުގެ މުސްކުޅި މަންމައަކުވެސް ހިމެނެއެވެ.

މިފަހަރުގެ މައްސަލައާ ގުޅިގެން، މިއީ ފުރަތަމަ އެކަންކުރި މީހުންނަށް އަދަބު ދިނުމުގައި މުމްބާއީ ފުލުހުން ފެއިލްވުމުގެ ސަބަބުން ތަކުރާރުވި ކަމެއް ކަމަށް ބުނެ ފުލުހުންނަށް އެތައް ބައެއްގެ ނުރުހުން އަމާޒުވަމުން އެބަދެއެވެ.