މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅާލާ ބްރިޖުގެ މަސައްކަތް ހަފްތާއެއްގެ ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅުވާލުން ކަމަށެވެ. އެއީ ސަރުކާރުން ވެފައިވާ ވައުދެއްކަމަށާއި ލަސްތަކެއް ނުވެ އެމަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުންކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވަމުން ދިޔަނަމަވެސް އެކަން ހުއްޓާލެވޭކަތް ނެތްކަމަށާއި އެކަންކަން ދާނީ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫ އަކީ އާބާދީ ބޮޑު ކުޑަ ރަށެއް ކަމަށެވެ. ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބި އެތައް ދުވަހެއް ވެއްޖެކަމަށާއި ރަށުގައި ހިއްކާފައިވާ ބިންމެށް އެބައޮތް ކަމަށެވެ. އެތަނުން ގޯތި ދޫކުރެވޭނެކަމަށާއި އެކަމަކީ މިހާރު ގާނޫނީ ގޮތުން ކައުންސިލްގެ އަތްމަތީގައި އޮތްކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮމަންޑޫގެ އިތުރުން މަރޮއްޓާއި ފޯކައިދޫއަށްވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކޮމަންޑޫ ބަނދަރުގެ ބޭރު ތޮށީގައި ދޯނިފަހަރު އެޅޭނެ ގޮތް ހަދައި، އެ ރަށުގައި އައިސް ޕްލާންޓެއް ގާއިމްކުރައްވާނެކަމަށާއި، ކޮމަންޑޫގެ ލޭންޑް ޔޫސް ޕްލޭން ނިމުމުން އެ ރަށުގެ ހިއްކި ބިމުން ގޯތިދޫކުރަން ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.