ތޮއްޖެހިފައިވާ މާލޭ ސަރަހައްދަުގައި ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އާބާދީއަށް ބޭނުންވާ ވަރަށް ޓެކްސީގެ ޚިދުމަތް ފޯރުކޮށް ނުދެވުމެވެ. މިއީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫނެވެ. ފުރަ މާލެއަށް މި ޚިދުމަތް ތައާރަފުވީންސުރެ މިއީ ހުއްޓާނުލައި ދައްކާ ވާހަކައެވެ. ޓެކްސީގެ ޚިދުމަތަކީ ގިނަ ބަޔަކު ބަރޯސާވާ ޚިދުމަތަކަށް ވާއިރު، ޓެކްސީ ނުލިބުމުގެ މައްސަލައިގެ ތެރެއަށް މި ވަނީ އާ ބޮޅެއް އިތުރުވެފައެވެ.

މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ 2018 ވަނަ އަހަރު ސިނަމާލެ ބުރިޖު ހުޅުވުމާއެކު މާލޭން ހުޅުލެ އާއި ހުޅުމާލެ އަށް ކުރާ ޓެކްސީ ދަތުރުތައް ތައާރަފުވުމުން ދިމާވި ކަމެކެވެ. ސިނާމާލެ ބުރިޖު ވީ ބައެއް ޓެކްސީ ޑްރައިވަރުންނަށް 'ރަންބިސް އަޅާ ކުކުޅަކަށެވެ.' ބުރިޖު ހުރަސްކޮށް ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތައް ކަނޑައަޅައި ޓްރާންސްޕޯޓު އޮތޯރިޓީން އަގުތައް ކޮންޓްރޯލްކުރުމުގެ ކުރިން ޑްރައިވަރުން ނަގަމުން އައީ އެ މީހުން ހިތަށް އެރި އަގެކެވެ. 'ލިބޭތާ ލިބިގަންނާށޭ' ބުނާ ބީދައިން ލިބުނު ފުރުސަތުގެ ބޭނުން ހިފާލީ އަނެކާގެ ޖީބު ހުލި ވިޔަސް ވަރިހަމަ ކަމަށެވެ. މާލޭގައި ފުޅާ ދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް ދޭ ރަސަލް ޓެކްސީން ވާހަކަ ދެއްކި މީހަކު 'ވީނިއުސް' އަށް ބުނެފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް އަގު ކަނޑައަޅާފައި ނުވާތީ، އޭރު ޑްރައިވަރުން އަމިއްލައަށް 200ރ. ނަގަމުންދިޔަ ކަމަށެވެ.

ބޭނުންހާ އަގެއްގައި ބުރިޖު ހުރަސްކޮށް ޓެކްސީ ކުރާތީ ކަންބޮޑުވެ އާންމުން ނުރުހުން ފާޅުކުރުމުން ދަތުރުތަކުގެ އަގުތައް ކަނޑައަޅައި އޭރުގެ ޓްރާންސްޕޯޓު އޮތޯރިޓީން އަގުތައް ކޮންޓްރޯލްކުރީ އާންމުންގެ ޝަކުވާތަކަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާ ވެސް މަޝްވަރާކުރިވެގެންނެވެ.

ކޮންޓްރޯލްކުރެވިފައިވާ ގޮތުން މިހާރު މާލޭން ހުޅުމާލެއަށް ދަތުރެއް ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި ހުޅުލެއަށް ނަމަ 60 ރުފިޔާއެވެ. މާލޭން ހުޅުމާލޭގެ އުތުރު އަވަށަށް ނަމަ 90 ރުފިޔާއެވެ. މާލެ ތެރޭގައި ޓެކްސީ ދަތުރެއް ކުރަނީ 25 ރުފިޔާއަށެވެ. ހުޅުމާލޭގެ ދެ އަވަށުގެ ދެމެދުގައި 40 ރުފިޔާއަށެވެ. މި އަގުތަކަކީ ޓެކްސީ ޑްރައިވަރުންނަށް ވެސް ގެއްލުން ނުވެ ޚިދުމަތް ދެވޭނެ އަގުތަކެކެވެ. މިކަމާ މެދު 'ވީނިއުސް'އާ ވާހަކަދެއްކި ހުރިހާ ޑްރައިވަރުން އިއްތިފާގުވެއެވެ.

ދެން ދައްކަންޖެހިފައި މި ވަނީ އަނެއްކާ ވެސް ބުރިޖާއެކު ދިމާވި މައްސަލައެއްގެ ވާހަކައެވެ. ދިމާވެގެން މިއުޅެނީ މީގެ ކުރިން ވެސް ޓެކްސީ ހޯދުން ދަތި ފުރަމާލޭގައި ޓެކްސީ ހޯދުމަށް އިތުރު ތަކުލީފަކަށް ވީ މައްސަލައެވެ. ތުންތުންމަތިން ވީނިއުސްރޯމްގެ ނޫސްވެރިންނާ ހަމައަށް ވެސް މި ވާހަކަ އައުމުން ވެގެން މިއުޅޭ ގޮތް ބަލާލުމަށް ނުކުތީމެވެ. ހަފުތާއެއްގެ މަތިން ވީމީޑިއާގެ ނޫސްވެރިން ކުރި ތަޖުރިބާ ދަތުރުތަކުން ވާނުވާ ސާފުވިއެވެ. ދޮގެއްވާ ނޫނެވެ. މިހާރު މާލެ ތެރޭން ދަތުރެއް ހޯދުމަކީ މާވަހަރެއް ހޯދުންހާ އުނދަގޫ ކަމެކެވެ. ފަސޭހައަކަށް ކަމަށް ބުނެ އުފެއްދި ޓެކްސީ އެޕްލިކެޝަންތަކުން ވެސް ކާރެއް އަތުވާ ގޮތް ވަނީ ހާލަކުން ފަހަރުއެވެ. ގިނައީ ނުލިބޭ ފަހަރެވެ. މަގުމަތިން ކީއްކުރަން މޯބައިލް އެޕްލިކެޝަަނަކުން ޖަހައިގެން ވިޔަސް މާލެ ތެރޭން ވިއްޔާ ރައިޑެއް ހަމަ ނުލިބެނީއެވެ.

އެކަމަކު މާލޭން ހުޅުމާލެއަށް ނޫނީ ހުޅުލެއަށް ނަމަ ދަތުރު ލިބުން އަވަހެވެ. އެޕްލިކޭޝަނުން ވެސް ފަސޭހައިން ލިބެއެވެ. ބުނާތީ އިވެއެވެ. ފެހި ބޯޑު ދިއްލައިގެން މާލެ ތެރޭ ދުއްވާ ގިނަ ކާރުތައް ހަގީގަތުގައި ހުސްވެފައި ވަނީ ހަމަ ބުރިޖު ހުރަސްކުރާ ދަތުރުތަކަށެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. ތެދެއް ނަމަ ދެން އޮތީ މި ކަމުގެ ސަބަބެވެ. އާންމުންގެ ތެރޭން ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޑްރައިވަރުން މާލެ ތެރޭގެ ދަތުރުތައް ނުނަގަނީ އެއް ފަހަރާ ލިބޭވަރު މަދުވީމައެވެ. ބުރިޖު ހުރަސްކުރީމާ ގައިމު ބޮޑު އެއްޗެއް ލިބޭނެތާއެވެ. މާލޭން ހުޅުމާލެއަށް ދަތުރެއްކޮށްގެން އެއް ފަހަރާ މާލެ ތެރޭގައި ކުރާ ތިން ދަތުރުގެ އަގު ލިބުނީއެވެ. ފަންސަވީސް ގުނަ ތިނެއް ވީމާ ހަތްދިހަފަހެކެވެ.

ޚިދުމަތް ލިބިގަންނަ އާންމުންގެ ވާހަކަތަކާއި ޑްރައިވަރުންގެ ވާހަކަތައް މުޅިން ޚިލާފެވެ. 'ވީނިއުސް'އާ ވާހަކަދެއްކި ގިނަ ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި މިއުޅެނީ އަގާ ގުޅުން ހުރި މައްސަލައެއް ނޫނެވެ. ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި ދުއްވުމަކީ އަބަދުވެސް ބޮޑު ވޭނެކެވެ. މާލެ ތެރޭގެ ދަތުރުތައް ނުނަގާ އަސްލު ސަބަބަކީ އެއީއެވެ. ބުރިޖުގައި ދަތުރުކުރުމުން މާލޭގެ މަގުތަކުގައި ދަތުކުރުމަށް ވުރެ ހައްޓަށް ލުއިވެފައި ކާރަށް ލިބޭ ގެއްލުން ކުޑަވާނެތީއެވެ. ޑްރައިވަރުން ބުނާ ގޮތުގައި ހުޅުމާލެ އާއި ހުޅުލެއަށް ކުރާ ބައެއް ދަތުރުތައް ނިންމާ މާލެއަށް އަންނަ އިރު ދަތުރެއް ނުލިބި ހުސްކޮށް އަންނަންޖެހޭ ފަހަރު ދިމާވެއެވެ. އެހެންވާ ކޮންމެ ފަހަރަކު އެ ލިބެނީ ހަމަ ބޮޑު ގެއްލުމެކެވެ.

މި ވާހަކަތަކަށް އާންމުން ދޭ ރައްދެއް ވެސް އެބަ އޮތެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ހުޅުލޭގައި އަބަދު ޓެކްސީ ކިޔޫތައް އޮންނަ އިރު އަދި ހުޅުމާލޭގައި މާލެއަށް އަންނަ ބޭނުންވެގެން އެތައް ބަޔަކު ކާރު ހޯދަން އަބަދު ވެސް މަގުތަކުގައި ތިބޭއިރު، ދަތުރެއް ނުލިބި އެނބުރި މާލެ އަންނަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިއީ އާންމުންގެ ރައްދެވެ.

ދެ ފަރާތުގެ ވާހަކަވެސް އަހައިފީމުއެވެ. އިންސާފުވެރި ނަަޒަރަކުން ބަލާއިރު މިކަމުގައި ޖެހޭ ބުރަދަނެއް ހުރި ވާހަކައެއް މި ދައްކަނީ ޚިދުމަތް ލިބިގަންނަ އާންމު ފަރުދުންނެވެ. އެ ދައްކާ ވާހަކައިގެ ހަގީގަތެއް ވާކަން ފެނުނު މަންޒަރުތަކުންނާއި އިވުނު އަޑުތަކުން އަދި ޚުދު އަމިއްލަ ތަޖުރިބާއިން ވެސް ސާފުކޮށް އެނގި ގައިމުވެއްޖެއެވެ.