ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށް އިދިކޮޅުގެ ސިޔާސަތެއް ނެތްކަން ކަށަވަރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްދީޕީގެ ފަރާތުން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ދެއްވި އޯޑިއޯ މެސެޖެއްގައެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ފުރަ މާލެއަށް މީހުން ޖަމާކުރުމަކީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމައުއިން ރާއްޖެ ބިކަ ކުރުމަކީ އެމްޑީޕީގެ އަމާޒެއް ނޫން ކަމަށާއި ރާއްޖެއަކީ ބިކަ ތަނެއްގެ ގޮތުގައި ދުވަހަކުވެސް އެމްޑީޕީން ސިފަނުކުރާ ކަމަށެވެ. އަދި މީގެ އިތުރުން، އެއްހޮރަކުން ދެފަހަރު ކަށި ޖެހިޔަ ދީގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ދައްކައިދިނުމަށް އެދޭ ކަމަށާއި އެ ރައްޔިތުން ކޮށްދެއްވަން ވި ކަމަކީ ވަކާލާތުކޮށް ދެއްވުން ކަމަށެވެ. އަދި ދެވަނަ ފަހަރަށްވެސް ވޯޓު ލާން އެންމެ އައުލާކަން ބޮޑީ އެމްޑީޕީކަން ދައްކައި ދިނުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އެމްޑީޕީ ހިނގުމުގެ އަސްލަކީ ދޮށީގެ އުމުރުގެ ގިނަ ބަޔަކު ފަހަތުގައި ތިބޭތީކަން ފާހަގަ ކުރެއްވިއެވެ. އެއަށް ފަހު ނަޝީދު ވިދާޅުވީ އެމްޑީޕީން ނޫން ސަރުކާރެއް ރާއްޖޭގައި އުފެދުމަށް ރައްޔިތުން ނޭދޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ މަޤްސަދަކީ އާންމު ރައްޔިތުންނަށް ވިޔަފާރި ކުރަން މަގުފަހި ކުރުން ކަމަށާއި ކޮމަންޑޫއަށް މިއަދު ލިބިފައިވާ ތަނަވަސްކަމަކީ އެ ރަށުގެ ރައްޔިތުން އަމިއްލައަށް ހޯދައިގަތް ތަނަވަސް ކަމެއް ކަމަށެވެ.