ވެރިކަން ހޯދަން އުޅުނުއިރު ބަޣާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައީސް ސާލިހަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މެމްބަރު އުޝާމްގެ މިފަދަ ރައްދެއް ރައީސް ސާލިހަށް އަމާޒުވީ ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި-އިލެކްޝަނުގައި އެ ދާއިރާގެ ރައްޔިތުން ވޯޓު ދޭންވީ މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑާ ކުރުމާއި ދެކޮޅަށް ކަމަށް ރައީސް ވިދާޅުވުމުންނެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި އުޝާމް ވިދާޅުވީ، ވެރިކަން ހޯދަން އުޅުނުއިރު ބަޣާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭ ކަމަށެވެ. ރައީސް ސާލިހް އެ ވިދާޅުވާ ބަގާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ މިސަރުކާރު ކޯލިޝަންގައި ކަމަށްވެސް މެމްބަރު އުޝާމް ކުރެއްވި ޓްވީޓުގައި ވެއެވެ.

ބަޣާވާތާއި ދެކޮޅަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގަތުމުން ސިޔާސީ ބައެއް ބޭފުޅުންގެ ނުރުހުން ރައީސްއަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން ބައެއް ބޭފުޅުން ވިދާޅުވަނީ ރައީސްގެ އެ ވާހަކަފުޅު އަމާޒުވަނީ އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި، ނާއިބު ރައީސް އަބްދުﷲ ރިޔާޒް ފަދަ ބޭފުޅުންނަށް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އަދި އިންތިހާބުގައި ވާދަކުރާ އެހެން ޕާޓީތަކަށް ނުސީދާކޮށް ރައްދު ދެއްވާފައެވެ.