ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރައްޔިތުން ވޯޓު ދޭންވީ ޚާއިނުންނާއި ޣައްދާރުންނާ ދެކޮޅަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހުކުރުމަށް ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރޭ އޮތް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ރައްޔިތުން ވޯޓު ދޭންވީ ބަޣާވާތާއި މަނީ ލޯންޑްރިން އާއި ވަގުފާރި ފަދަ ކަންކަމާ ދެކޮޅަށެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓް ލާންވީ ގައުމުގެ ޚާއިނުންނާއި ޣައްދާރުންނާ ދެކޮޅަށް ކަމަށެވެ. އަދި މިފަހަރު ރައްޔިތުން ނުކުމެ ވޯޓު ލާންވީ އަޅުވެތިކަމަށް ނޫނެކޭ ބުނެ، ރާއްޖޭގައި ބާތިލު ދީންތަކަށް ފުރުސަތު ނުދިނުމަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިފަހަރު ދިވެހިން ވޯޓު ދޭންވީ ދީނާ މިނިވަންކަމުގެ ދިފާއުގައި ކަމަށާއި އަދި އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ނުވާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.