ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މީގެކުރިންވެސް އެކި ފަހަރުމަތިން ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވެއެވެ.
ކޮވިޑް-19 ގެ ތިން ރާޅަށްފަހު، އަނެއްކާވެސް ބަލި ފެތުރުން އިތުރުވެ، މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ވަނީ އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ.
އެގޮތުން، ގިނަ މީހުން އެއްވެ އުޅޭ ހަރަކާތްތައް މަދުކުރަން އެދިފައި އޮތް ދަނޑިވަޅެއްގައި މާލޭ ސިޓީ ކައުންސިލްގެ ހުއްދަ އާއިއެކު ނައިޓްމާކެޓްތައް ބާއްވަމުން އައިސް، ދެ ފަހަރެއްގެ މަތީން އެކަން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެޗްޕީއޭ އިން ނިންމި ނިންމުން ބަދަލުކޮށް، އަނެއްކާވެސް ހުއްދަ ދިނުމަށްފަހު، އެކަން އަލުން ހުއްޓުވުމާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ.
ނައިޓް މާކެޓް ބޭއްވި ރަސްފަންނު ސަރަހައްދުގައި މުޒާހަރާކުރަމުން ދިޔަ ވިޔަފާރިވެރިންގެ މައިގަނޑު ޝަކުވާއަކީ އައު އަހަރު ފާހަގަކުރުމަށް ގައިދުރުކަމެއް ނެތި އެތައް ހާސް ބަޔަކު އެއްވެ ނިއު އިޔަރ ޝޯވ ބޭއްވުމަށް ސަރުކާރުން ހުއްދަ ދީފައިވާއިރު، އެތައް ޚަރަދެއް ކޮށްގެން ދުރާލާ ތައްޔާރުވެގެން ފެށި ނައިޓް މާކެޓް ކުއްލިއަކަށް ހުއްޓާލުމަށް އެންގުމެވެ.
"ވީނިއުސް" އާ ވާހަކަދެއްކި އިހުތިޖާޖުގެ ބައިވެރިއެއް ބުނީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ބާތިލްކުރުމާއި ގުޅިގެން ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ.
އިހުތިޖާޖުގެ ބައިވެރިން ބުނީ، އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފުވާނަމަ އެކަމާ ބެހޭގޮތުން މަޝްވަރާ ކޮށް ވަކި އުސޫލުތަކެއްގެ ތެރެއިން އެކަން ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެކަމަށެވެ. އަދި، މާކެޓްކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިން ތަކާއި އެއްގޮތަށް ކަމަށާއި، ކަންކަން ހިނގަމުންދާގޮތުގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް އެޗްޕީއޭއާއި ހިއްސާ ކޮށްފައިވާނެކަމަށެވެ. ނަމަވެސް، މާކެޓް އިންތިޒާމްކުރި މީހުންނާ އެއްވެސް މުއާމަލާތެއް ކުރުމެއް ނެތި ހުއްދަ ބާތިލްކުރިކަން އަންގާފައިވަނީ ނޫސްބަޔާނެއް މެދުވެރިކޮށް ކަމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.
ނައިޓް މާކެޓް އިންތިޒާމް ކުރި ފަރާތުންނާއި، މާކެޓްގެ ބައިވެރިންގެ ފަރާތުން ވަނީ ނައިޓް މާކެޓް އަނބުރާ ބޭއްވުމުގެ ހުއްދިދިނުމަށް ސަރުކާރަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. ނަމަވެސް އެޗްޕީއޭއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި، ރަސްފަންނުގައި ނައިޓް މާކެޓް ކުރިއަށްގެންދަނީ މަގުމަތީ ބާޒާރެއް ގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަން ނުދީކަން ފާހަގަ ކުރެވުނު ކަމަށް ބުނެ ނައިޓް މާކެޓް ވަގުތުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.