މާލޭގައި މިހާރު ބާއްވަމުންދާ އެއްވުންތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފުވާތީ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އިދިކޮޅުން ބާއްވަމުންދާ އެއްވުމަށް ފުލުހުން ހުރަސްއަޅަމުންދާކަމަށާއި، ހަރަކާތުގެ ބައިވެރިން ހައްޔަރކުރުމަށް އަނިޔާވެރިކަމާއެކު އަމަލުކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެއިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މުޒާހަރާތަކާއި، އެނޫންވެސް ހާލަތްތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫންވެސް ހާއްސަ ގާނޫނަކާ ގުޅޭ ކަމެއް ނަމަ އެ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް، މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް އެއްވުންތަކެއް ބާއްވަމުން އަންނަކަމަށާއި، މި އެއްވުންތަކުގައި އާންމު ދަތުރުފަތުރަށް ދަތިކޮށް، މާލެއާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ ބަސް މާލޭ މަގުމަތިން ހުއްޓުވައި ގާނޫނާ ޚިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ހިތްވަރުދީ އެކަމަށް ގޮވާލަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގައި އަމަލުކުރާ އުސޫލަކީ އެ ހާލަތާ އެއްވަރުގެ ނުވަތަ އެއަށްވުރެ ދަށް މިންގަނޑެއްގެ ބާރެއް ބޭނުންކުރުންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، އެފަދަ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލާދީ ދައުލަތުގެ މުދަލަށް ގެއްލުންދޭ ކަމަށެވެ. އަދި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތް ކުރާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި، އެފަދަ މީހުންގެ މައްސަލަތައް ތަހުގީގުކުރަމުންދާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ބާއްވަމުން އަންނަ ސިލްސިލާ އެއްވުންތަކަށް ފުލުހުން ހުރަސް އަޅައި ވޭތުވެ ދިޔަ ތިން ދުވަހު ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ. އިދިކޮޅުން ބުނާ ގޮތުގައި އިހްތިޖާޖުގެ ތެރެއިން މީހުން ހިފާ ހައްޔަރު ކުރުމުގައި އެއްވެސް ހަމައެއް އުސޫލެއް ނެތްކަމަށާއި، ފިރިހެން ފުލުހުން ފޮނުވައި އަންހެނުން ހިފާ ހައްޔަރުކޮށް އެފަދަ ނޭދެވޭ އަމަލުތައް ހިންގުމަކީ މިސަރުކާރު އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުގެ ސަބަބުން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.