ޗައިނާގެ އެހީގައި ހުޅުމާލޭގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ޚާރިޖީ ގުޅުން ރަމްޒުކޮށްދޭނެ ނިޝާނެއްކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗައިނާއާ އެކު ފަސް އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޒުވާނުންނާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަކީ ރާއްޖެއަށް މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވާ ރާއްޖޭގެ ޚާރިޖީވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ގާއިމުކުރާ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތާ ގުޅޭ ފަހުގެ މައުލޫމާތު ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ އާ ހިއްސާކުރެއްވި ކަމަށެވެ.

ފޮޓޯ: ޓުވިޓަރ

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅަން ދިވެހި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ 2019 ވަނަ އަހަރުގައެވެ.

މީގެއިތުރުންވެސް މިނިސްޓަރ ޝާހިދު ވަނީ، ސިނަމާލެ ބްރިޖާއި، ހުޅުމާލޭގެ ހައުސިން މަޝްރޫއު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވީތީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ޗައިނާގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރުމާއި، މެޑިކަލް އެހެނިހެން އާލާތްތައް ފޯރުކޮށްދިނީތީ ޗައިނާ ސަރުކާރަށް، ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާއިން އެ ގައުމާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި، ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހީންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއް ހިމެނެއެވެ.

މީގެ އިތުރުންވެސް އިއްޔެ ސޮއިކުރި އެއްބަސްވުން ތަކުގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށާއި ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމަކާއި، ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމާއި، އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ހިލޭ އެހީ ފޯރުކޮށްދިނުމާއި، ވިސާ އެގްޒެމްޝަން އެއްބަސްވުމާއި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުން ހިމެނެއެވެ.

ފޮޓޯ: ޓުވިޓަރ

މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ މުހިންމު އެއްބަސްވުމަކަށް ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ ވިސާ އެގްޒެމްޝަން އެއްބަސްވުމުގައެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެއެވެ.

އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގެ ދަށުން 62.8 މިލިއަން އެމެރިކާ ޑޮލަރު ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދޭނެއެވެ. މި އެހީއަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ ރަންޔޫބީލް ލޯގޯވެސް ވަނީ ތައާރަފްކޮށްފައެވެ. ލޯގޯ ތައާރަފްކޮށްދެއްވާ ރަންޔޫބީލްގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ.