ތައިލެންޑުގައި ކުރިއަށްދިޔަ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ރާއްޖޭގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ.

ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގައި ދީމާގެ ޕާޓްނަރަކީ ތައިލެންޑްގެ ކުޅުންތެރިއެއް ކަމަށްވާ ފެންގް އެވެ. ދީމާ އާއި ފަންގްގެ ޕެއާ ފައިނަލް މެޗުގައި ތައިލެންޑްގެ އެހެން ޕެއާއަކާ ކުޅުނު މެޗުގައި ސެޓުތައް ގެންދިޔައީ 11-08، 11-09 އަދި 11-07 އިންނެވެ.

މީގެއިތުރުން ދީމާ ވަނީ ތައިލެންޑް މުބާރާތުގެ އަންހެން ސިންގަލްސް ބައިން ދެ އުމުރުފުރާއެއްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެއީ 15 އަހަރުން ދަށާއި 17 އަހަރުން ދަށެވެ.

މިދިޔަ މަހު ދީމާ ވަނީ ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. ކޮވިޑް-19ގެ އުނދަގޫ އަހަރެއްގައި ފަހިވި ބޮޑު ފުުރުސަތުގެ ބޭނުންހިފައި ދީމާ ވަނީ ރަނގަޅު ކުރިއެރުންތަކެއް ދުނިޔޭގެ މުބާރާތުގައި ހޯދައިފަ އެވެ.

ދުނިޔޭގެ މުބާރާތުގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ ދީމާ ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އެހެންނަމަވެސް، ދުނިޔޭގެ މުބާރާތުގެ މިކްސް ޑަބަލްސް ކުއާޓާ ފައިނަލުން ދީމާ ބަލިވިއެވެ. ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި، ދީމާގެ އަންހެން ޑަބަލްސް ޕާޓްނަރު ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އަށް ޕޯޗުގަލް އަށް ނާދެވުމުން ދީމާ އަށް އަންހެން ޑަބަލްސް އިވެންޓް މެޗު ނުކުޅެވި، މެޗު ޖެހުނީ ދޫކޮށްލާށެވެ.

ދީމާ ވަނީ ނޮވެމްބަރު މަހު އޮމާންގައި ކުރިއަށްދިޔަ ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ.

ދީމާ އަންނަނީ ޔޫތު މިނިސްޓްރީ އާއި ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) މެދުވެރިވެގެން ހޯދި ފުރުސަތެއްގައި ތައިލެންޑުގައި ޓްރެއިނިންގ ފުރިހަމަކުރަމުންނެވެ.